އދ. ދިގުރަށުގައި ލޯކަލް ޓޫރިޒަމް ފިޔަވައި ހުރިހާ ކަމެއް ހުއްޓިފައިވާ ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ކައުންސިލްގެ ރައީސް އުސްމާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއު ހުއްޓުނު ގޮތަށް ދިގުރަށުގެ ހުރިހާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށާއި، މިސަރުކާރުގައި މިހާތަނަށް އައި އިރު، އެއްވެސް މަޝްރޫއެއް އެރަށުގައި ފަށާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ލޯކަލް ޓޫރިޒަމް ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.
ރާއްޖެ މިވަގުތު އޮތީ އިގްތިސާދީ ދަތި ހާލަތެއްގައި ނޫންކަން ފާހަގަކުރައްވައި އުސްމާން ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އަންނަ ކަމަށާއި، ލިބޭ އާމްދަނީ އިތުރުވާ ކަމަށެވެ. އަދި ހާލަތަށް ބަލާއިރު، މަޝްރޫއުތައް ހުއްޓެނީ ކަމަށް ގަބޫލުނުކުރާ ކަމަށާއި، މަޝްރޫއުތައް ސަރުކާރުން ގަސްތުގައި ހުއްޓުވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އުސްމާން ވިދާޅުވީ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް ނުނިމި ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވި، ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށާއި، މިކަންކަމުގެ ސަބަބުން އަސަރު ޓޫރިޒަމަށް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން އަޅުގަނޑުމެން ފާހަގަކޮށްލަން އެންމެ ދަތިވެގެން ކުރީ ސަރުކާރުން ފެށި އެއްކަންތައް ބަނދަރުގެ މަސައްކަތް. އެމަސައްކަތް ހުއްޓިފައި އޮތުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ފަތުރުވެރިންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް. މިކުރާ ދަތުރުތަކަށް ވެސް. ބަނދަރު ނިންމާނުލެވި އޮތުމަކީ އެންމެ އަސާސީ އެންމެ އުދަނގޫ އެއްކަންތައް. ދެންއެއާއެކު ރަށް ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލު ކުރެވިފައި. އެއީ ވެސް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެކަމެއް ވެސް ނުވޭ. ގާތްގަނޑަކަށް 6 ވަރަކަށް ޕްރޮޖެކްޓް މިރަށުގައި ހުއްޓިފައި އެބައޮތް
ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން![]()
އުސްމާން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެރަށުން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ބޮޑު މެޖޯރިޓީއެއް ލިބުނު ކަމަށާއި، ގިނަ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދިނީ ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމުގެ އުންމީދާއެކު ކަމަށެވެ.
ނަމަވެސް މިސަރުކާރާއެކު ރައްޔިތުން މިއަދު ތިބީ ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވެފައި ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ހުއްޓުވައި، ކުރިއަށް ނުގެންދިއުމުން ރައްޔިތުން ސަރުކާރު ބަލައި ނުގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރު ބަދަލުވެގެން ދިޔައިރު ވެސް ހިނގަހިނގާ ހުރި މަޝްރޫއުތައް ނުހުއްޓުވައި ކުރިއަށް ގެންދިޔަނަމަ މިއަދު ހުންނާނީ ރަށުގެ ގިނަ މަޝްރޫއުތައް ނިމިފައި ކަމަށް އުސްމާން ވިދާޅުވިއެވެ.