އދ. އޮމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، މިއަހަރުގެ ޖުލައި މަހު އަލުން މަސައްކަތް ފެށި ނަމަވެސް، މަސައްކަތް ކުރިއަށްދަނީ ވަރަށް ސްލޯ ސްޕީޑުގައި ކަމަށާއި މަސައްކަތަށް ބޭނުންވާ ވަރަށް ތަކެތި ނެތްކަން ހާމަވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން، އޮމަދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ ލޯކަލް ޓުއަރިޒަމް ކުރިއަރަމުން އަންނަ އޮމަދޫއަށް އެންމެ ބޮޑަށް ބޭނުންވަނީ، ޖާގަ ތަނަވަސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ބަނދަރެއް ކަމަށާއި ނަމަވެސް ބަނދަރުގެ މަސައްކަތް ހުއްޓިފައި އެތައް ދުވަހަކު އޮތުމަށްފަހު، އަލުން މަސައްކަތް ފައްޓައިގެން ތިން މަސް ނިމިގެން ދިޔައިރުވެސް އެކަށީގެންވާ ހަލުވި މިނުގައި މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
އެގޮތުން ހިލަ ބާޖެއް ގެނެސް ހިލަ ހުސްވެ، އަނެއްކާވެސް ހިލަ ލިބެންދެން މަސައްކަތް މަޑުޖެހިފައިވާއިރު، މިއީ މިމަސައްކަތް ކުރިއަށްގެންދަންވީ ގޮތެއް ނޫން ކަމަށާއި، މަސައްކަތަށް ބޭނުންވާ ތަކެތި ނެތްކަން ރައްޔިތުން ވަނީ ކަންބޮޑުވުމާއި އެކު ފާހަގަކޮށްފައެވެ.
2023 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓުމަކަށް އައިސްފައިވަނީ ކޮންސެޕްޓަށް ބަދަލުތަކެއް ގެންނަން ބޭނުންވެގެންނެއެވެ. އަދި ކޮންސެޕްޓަށް ބަދަލު ގެނެސް ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ މަސައްކަތް ފައްޓާފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އޮމަދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ބަނދަރުގެ މަސައްކަތަށް ދަނީ ރައްޔިތުން އެދޭގޮތަށް ކުރިއަށް ކަމަށާއި، ބަނދަރުގެ މަސައްކަތް ނިމިގެންދާއިރުގައި އެ ބަނދަރު ވެގެންދާނީ، މި ރަށުގެ ރައްޔިތުން އެންމެ އެދޭ ފެންވަރުގައި ހެދިގެންދާނެ ބަނދަރެއްކަމުގެ ޔަޤީންކަން، އަރުވާ ކަމަށެވެ.
އަދި ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައި އޮތުމާއެކީގައި، ބަނދަރާއެކީގައި އެ މަސައްކަތްވެސް، ކުރިއަށްދާނެ ކަމަށް ވިދާޅުވަމުން، ވަރަށް އަވަހަށް ޢަމަލީގޮތުން އެ މަސައްކަތް ކުރުމުގެ މަރުޙަލާ ފެށިގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު މިގޮތަށް ވިދާޅުވެފައިވީ ނަމަވެސް އެކަށީގެންވާ ބާރު ސްޕީޑުގައި ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ އޮމަދޫ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރަށުގެ މަލަމަތި ވީރާނާވެފައިވާ ތަނެއްގެ ގޮތުގައި ފެންނައިރު، ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ގޮސްފައިވާއިރު މޫސުމް ގޯސްވެއްޖެ ނަމަ ބަނދަރު ބޭނުން ނުކުރެވެއެވެ. އޮމަދޫ އަކީ ކަންނެލި މަސްވެރިކަންވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.
އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 630 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 72،322،592.58 (ހަތްދިހަ ދެ މިލިއަން ތިން ލައްކަ ބާވީސްހާސް ފައްސަތޭކަ ނުވަދިހަ ދެ ރުފިޔާ ފަންސާސް އަށް ލާރި) އަށެވެ.
މި މަޝްރޫއުގެ ދަށުން 49،765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ބަނދަރު ފުން ކުރުމާއި 12،105 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި ބްރޭކްވޯޓަރ ޖެހުމާއި ރިވެޓްމަންޓް ޖެހުމާއި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސްކޯރިން އޭޕްރަން ޖެހުމާއި މޫރިންގ ރިންގު ހަރުކުރުމާއި ރޭމްޕު ހެދުމާއި އެކްސެސް ޕްލެޓްފޯމް އެޅުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން 150 މީޓަރުގެ ދެ ކޮންކްރީޓް ޖެޓީ ހެދުމާއި ނެވިގޭޝަން ލައިޓްހަރުކުރުމާއި މަގު ބައްތި ހަރުކުރުމާއި ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެ ކަމަށް މިއެއްބަސްވުމުގައިވެ އެވެ.
20 އަށްވުރެ ގިނަ ގެސްޓްހައުސް މިވަގުތުވެސް އޮޕަރޭޓްކުރަމުންދާ އޮމަދޫގެ ގެސްޓްހައުސްތަކުގެ ވެރިންވެސް ވަނީ، ބަނދަރުގެ ދަތިކަން ހުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިކަމުގައި ރައްޔިތުންނާއި ރަށުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.