ހުސްވި އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހު ލ. އަތޮޅުގެ މާވަށަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކަމެއްގެ ޔަގީންކަން ދެއްވިއެވެ. އެއީ "މާ ލަސްތަކެއް ނުވެ މާވަށާ ކައިރިން ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށޭނެ،" ކަމުގެ ޔަގީން ކަމެވެ.
އޭގެ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އަނެއްކާ ވެސް ރައީސް މުއިއްޒު މާވަށަށް ވަޑައިގެންފިއެވެ. މާ ލަސްތަކެއް ނުވެ ހައްދަވަން ފައްޓަވާނެ ކަމަށް ވިދާޅުވި ރިސޯޓެއް މާވަށުގެ ބިޔަ ފަޅުތެރޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާ ވެސް ނުފެނުނެވެ. ފަހަރު ގައި އަދި މާ ލަސްތަކެއް ނުވަނީ ކަމަށް ވެސް ވެދާނެ އެވެ.
މި ފަހަރު ވަޑައިގެން ދައްކާލެއްވީ އައު މަންޒަރެކެވެ. އަލަށް ފަަށާ 11 މަޝްރޫއެއް ގައި ސޮއި ކުރި މަންޒަރު ރައްޔިތުންނަށް ދައްކާލެއްވިއެވެ.
މި ފަހަރު ވެސް ރައްޔިތުންނަށް ދެއްވީ، ހުރިހާ ރަށެއްގައި ވެސް ދެއްވަމުން އަންނަ ޔަގީން ކަމެވެ.
"ސަރުކާރުން މިއިން ކޮންމެ މަސައްކަތެއް، މިއިން ކޮންމެ މަޝްރޫޢެއް ވެސް، ފުރިހަމަކަމާ އެކީގައި ނިންމައިދޭނެ ކަމުގެ ޔަޤީން،" ކަމެވެ. "މިއިން ކޮންމެ މަޝްރޫ ޢެއް ވެސް ފުރިހަމަކަމާއި، އަވަސް މިނުގައި ގެންގޮސް ނިންމަވައި ދެއްވާނެ." ކަމުގެ ޔަގީން ކަމެވެ.
އެކަމަކު މި ފަހަރު ޔަގީންކަން މިދެއްވީ އައު މަޝްރޫއުތަކަކަށެވެ. ކުރިން ދެއްވި ފަޅުތެރޭގައި ހަދާ ރިސޯޓުގެ ޔަގީންކަން ފޮހެވިއްޖެ އެވެ. ލިސްޓުން ކައްސާލައިފިއެވެ. އުނިވެއްޖެ އެވެ.
މިފަހަރު ދެއްކެވީ ރިސޯޓާ ބެހޭ ގޮތުން މުޅިން އެހެން ވާހަކަ އެކެވެ. މި ފަހަރު ވިދާޅުވީ، މާވަށާ މާ ދުރުނޫން ހިސާބެއްގައި ރިސޯޓެއް ހައްދަވާ ވާހަކަ އެވެ. މުޅިން އައު ވާހަކަ އެކެވެ.
"މި ސަރަޙައްދާ މާ ދުރު ނޫން ހިސާބެއްގައި ރިޒޯޓުތައް ތަރައްޤީކުރަން ވެސް ހުޅުވާލެވިފައި އޮތީ. އެކަމަށްވެސް އެކި ފަރާތްތައް ކުރިމަތިލައިގެން ކުރިއަށްދާ މަރުޙަލާ އެއް އެއީ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދެއް މި އަތޮޅަށް، ރިޒޯޓުތައް އިތުރުކޮށް ދިނުން، ޓޫރިޒަމް އިތުރަށް ފުޅާކުރުން. އެންމެ ރަނގަޅު އެއް ލޮކޭޝަން، އެއް ސަރަޙައްދު މިއީ މި އަތޮޅުގެ. އަދި އެކްސްޕޭންޝަނަށް ބަލާއިރުގައި ވެސް، ޕޮޓެންޝަލް ވެސް އެންމެ ބޮޑު އެއް ސަރަޙައްދު. އެހެންވީމާ، ކުރިއަށް އޮތްތާނގައި، އެއީ އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ކަމެއް."
ކޮންމެ އަކަސް މިފަހަރު އިސްކަމެއް ދެއްވީ ރަށާ މާދުރު ނޫން ހިސާބެއްގައި ރިސޯޓެއް ތަރައްގީ ކުރުމަށެވެ. މިފަހަރު ދެއްވީ އެ ޔަގީން ކަމެވެ.