މާލީ ޤާބިލްކަން ނެތް ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީގެ މަޝްރޫޢުތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބޭގޮތް ހަދައިދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލު ނުކޮށް ދައުލަތުގެ ކުންފުނިތަކަށް އެކަނި މަޝްރޫޢުތައް ހަވާލު ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާކަމަށެވެ.
އަދި އެކަމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުގެ ދަރަނިވެ، މިދަނީ ބަގުރޫޓުވާ ހިސާބަށްގޮސްފައިވާ މި ނާޒުކު ވަގުތުގައި، މާލީ ޤާބިލްކަން ނެތް ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީގެ މަޝްރޫޢުތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބޭގޮތް ހަދާ، އާންމު ރައްޔިތުން މި ދަތި ހާލުން ސަލާމަތްކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.