ސަރުކާރާ ދެކޮޅަށް ބާއްވާ މުޒާހަރާތަކާއެކު ރައްޔިތުން އެދޭފަދަ ''ފްރީ މޯލްޑިސްވް'' ދުވަހެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކަންމަތީ އެއްވުމުގައި ރާއީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މި ސަރުކާރުގައި ހުރިހާ ކަމެއް ގޯހުން ގޯހަށްދާތީ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް ބާއްވަން ނިންމާފައިވާ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވީ މި މަހުގެ 31 ވަނަ ދުވަހު ގޯއްޗާއި، ފްލެޓު އަތުލި މީހުންގެ ދިފާއުގައި އެމްޑީޕީން އިސްވެ މުޒަހާރާ އަށް ނުކުންނާނެ ކަމަށެވެ. ކުރީ ސަރުކާރުގައި ލިޔުން ދީފައިވާ މީހުންގެ އަތުން ގޯއްޗާއި، ފްލެޓު އަތުނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް 500ށް ވުރެ ގިނަ މީހުންގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ރާއީ ވިދާޅުވި އެވެ.
އެއީ މަގޭ ފްލެޓު މަގޭ ގޯތި ކޮބައިތޯ. އެތައް ބައިވަރު ބޭފުޅުންނެއް އެބަތިބި ގައިމު ވެސް މިހާރު ލިސްޓުން އުނިވެފައި 500ށް ވުރެ ގިނަ ބޭފުޅުން އެބަތިއްބެވި ނުލިބޭނެކަން ކަށަވަރުވެފައި ތިބި ބޭފުޅުން. އެބޭފުޅުންނަށް ސިޓީ ފޮނުވާފައި މިސަރުކާރުގެ ބޭފުޅުން. ނަމަވެސް އެއީ ނުމިދިޔަ އެމްޑީޕީ ސަރުކާރުން އެބޭފުޅުންނަށް ދީފައި ގޯތި ވެސް ފްލެޓު ވެސް ދީފައި. އެކަމަކު މިސަރުކާރުން ކެންސަލް ކޮށްފައި. އަޅުގަނޑުމެން ޔަގީންކަން މިދެނީ އެމްޑީޕީން ޔަގީންކަން މިދެނީ. ލީޑަރޝިޕުން މިހާރު ވެސް އޮތީ ދަންނަވާފައި އަޅުގަނޑުމެންގެ ސަރުކާރެއް އައިސްފައި އަޅުގަނޑުމެން އެބޭފުޅުންނަށް ތަރުތީބުން އެންމެ ފުރަތަމަ އެބޭފުޅުންނަށް ފްލެޓުތައް ދޭން ފަށާނަން. އަދި ހަމައެއާއެކު މިހާރު ފްލެޓުތަކުން އެނަގާ ޑައުންޕޭމަންޓު އަޅުގަނޑުމެން ކަނޑާލާފައި ކުލިން އެބައިބައި ހަމަޖައްސާނަން.
ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ![]()
މީގެ އިތުރުން ރާއީ ވިދާޅުވީ މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، އެއީ ރިހާސަލެއް ކަމަށެވެ. އަދި މުޅި ސަރުކާރު ލޮޅުން އެރިކަމަށާއި، ރައްޔިތުން އެދުނު ގޮތަށް ބައެއް ކަންކަން ފުއްދައިން ކަމަށެވެ. މިހާރު ވެސް ޑެޑްލައިންއަށް ހަމަވާ ކަންކަން އެބަހުރި ކަމަށާއި، މިކަންކަން ފުއްދުމަށް ރައްޔިތުން މަގު މައްޗަށް ނުކުންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން 17 ނޮވެންބަރު ގައި ލޫޓޭރޭ ނަމުގައި ބޮޑު މުޒާހަރާ އެއް ބޭއްވުމަށް ތައްޔާރު ވަމުންދާ ކަމަށާއި، އެ މުޒާހަރާ ގައި މުޅި މާލޭގެ މަގުތައް ފުރާލަން ޖެހޭ ކަމަށް ރާއީ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ގޮތަށް މުޒާހަރާތައް ކުރިއަށް ގެންދާނަމަ ނުވަތަ 17 ނޮވެންބަރުގެ މުޒާހަރާގެ ފަހުން ރައްޔިތުން އިންތިޒާރު ކުރަމުންދާ ފްރީ މޯލްޑިވްސް ދުވަސް ވެސް އަތުވެދާނެ ކަމަށެވެ. ކަންކަން ނިންމަވާނީ މާތް ރަސްކަލާނގެ ކަމަށާއި، ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރާއީ ވިދާޅުވި އެވެ.