ޣައްޒާ ސިޓީ އެއްްކޮށް ހިފުމަށް އިސްރާއީލް އިން ނިންމާފައިވާ ނިންމުމާ މެދު، ޔޫއެންގެ ސެކިއުރިޓީ ކައުންސިލް އިން ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
ޣައްޒާ ހަނގުރާމަ އިތުރަށް ފުޅާކޮށް، ޣައްޒާ ސިޓީ އެއްކޮށް ހިފުމަށް އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ނިންމާފައި ވަނީ، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފަރާތުން އެ ހުށަހެޅުން ހުށަހަޅާފައި ވަނިކޮށެވެ. އަދި އެ ނިންމުމާ އެއް ގޮތަށް ކުރިއަށް ދާނެ ކަމަށް ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ހާމަކޮށްފަ އެވެ.
އެ ނިންމުމާ ގުޅޭ ގޮތުން ޔޫއެން ސެކިއުރިޓީ ކައުންސިލްގެ އިސް އޮފިޝަލަކު އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ، އިސްރާއީލް އިން މުޅި ޣައްޒާ ސިޓީ ހިފުމަށް ރާވާފަައިވާ ޕްލޭނަކީ އިތުރު ހިތާމަވެރި ކާރިސާ ތަކެއް ނުވަތަ ހާދިސާތަކެއް ހިނގުމަށް މަގުފަހި ވާނެ ނިންމުމެއް ކަމަށެވެ.
ޔޫއެންގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލް މިރޮސްލަވް ޖެންކާ ވިދާޅުވީ، އެ ޕްލޭން ތަންފީޒު ކުރެވިއްޖެ ނަމަ، އިތުރު ބައެއްގެ ފުރާނަ ގެއްލި، އިތުރު ބައެއްގެ ގެދޮރު ހަލާކުވެ، އަދި ގިނަ ބަޔަކު ނިކަމެތި ވެގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން ޔޫއެންގެ އިންސާނީ އެހީގެ އޮފީހުން ބުނެފައި ވަނީ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް، ކާބޯ ތަކެތި ނުލިބުމުގެ ސަބަބުން އެތައް ކުޑަ ކުދިންނެއް ޝަހީދުވެފައވާ ކަމަށެވެ.
އިސްރާއީލްގެ ނިންމުމާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ނުރުހުން ވަނީ އިސްރާއީލް އަށް އަމާޒުވެފަ އެވެ. އިނގިރޭސިވިލާތް، ފްރާންސް، ކެނެޑާ އަދި ޖަރުމަނުން ވެސް ވަނީ އިސްރާއީލްގެ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށް، އަދި ނުރުހުން ފާޅު ކޮށްފަ އެވެ.
އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އިސްރާއީލްގެ މަގުސަދަކީ ކުރު މުއްދަތެއްގެ ތެރޭގައި ހަނގުރާމަ ނިންމުން ކަމަށާއި، ޣައްޒާ ހިފާފައި ބޭއްވުމަކީ އެ މީހުންގެ މަގުސަދު ނޫން ކަމަށެވެ.
ޣައްޒާ ގައި އިސްރާއީލް އިން ހިންގާ ހަނގުރާމަ ފުޅާކޮށް، ޣައްޒާ ހިފަން އިސްރާއީލް އިން ނިންމާފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމަށް ބޭނުންވާތީ އެވެ. އެ ރަހީނުންގެ ތެެރެެއިން ދެ މީހެއްގެ ވީޑިއޯ ހަމާސް އިން އާންމު ކުރި ފަހުންނެވެ.