ކ. މާލެ
|
26 ނޮވެންބަރ 2024 | އަންގާރަ 22:51
ޖަޕާން މީހުން ދިވެހިރާއްޖޭގައި ހުންނަ ގޮތައް ޖޯލި ގަތަނީ
ޖަޕާން މީހުން ދިވެހިރާއްޖޭގައި ހުންނަ ގޮތައް ޖޯލި ގަތަނީ
ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީ
ޖަޕާނުގައި ޖޯލިގެތުން
ޖާޕާނު މީހުންނަށް ދިވެހިންގެ ޖޯލި ވަރަށް ބޮޑަށް ކަމުގޮސްފި
ޖަޕާން މީހުން ޖޯއްޔަށް ގަޔާވިލެއް ބޮޑު ކަމުން، އަނބުރާ ގައުމަށް ގޮސް ޖަޕާނުގައި އުޅޭ ޖޯލި ގަތަން ދަންނަ މީހުންގެ އެހީއާއެކު އަމިއްލައަށް ވަނީ ޖޯލި ތައްޔާރުކޮށް ބޭނުން ކުރަން ފަށާފައެވެ.

"މިހާރު ޖަޕާނުން ވެސް ޖޯލި ފެންނާނެ!" ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެ ޕޯސްޓުގައި ރާއްޖޭން ފެންނަ ފަދަ ޖޯލިތައް ޖަޕާން މީހުން ގަތަމުންދާ މަންޒަރު ފެންނަ ފޮޓޯ ތައް ހިމަނާފައިވެއެވެ.

ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ބުނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ޖަޕާނު ފަތުރުވެރިންނަށް ދިވެހިން އިށީންނަން ހަދާފައި ހުންނަ "ޖޯލި" ވަރަށް ކަމުގޮސްފި ކަމަށެވެ. އެމީހުން އެއަށް ގަޔާވިލެއް ބޮޑު ކަމުން، އަނބުރާ ގައުމަށް ގޮސް ޖަޕާނުގައި އުޅޭ ޖޯލި ގަތަން ދަންނަ މީހުންގެ އެހީއާއެކު އަމިއްލައަށް ޖޯލި ތައްޔާރުކޮށްފި ކަމަށެވެ.

ފޮޓޯތަކުން ފެންނަ ޖޯލިތައް ހަދާފައިވަނީ މިހާރު ރާއްޖޭގައި ވެސް ބޭނުން ކުރާ ތަކެތި ބޭނުން ކޮށްގެން ކަން ފާހަގަ ކުރެވެއެވެ. އިހުގައި ރާއްޖޭގައި ޖޯލީގެ އޮނިގަނޑު ދަނޑިން ބަނުމަށްފަހު އިށީންނަ ބައި ރޯނުން ގަތާފައި ހުރި ނަމަވެސް މިހާރު ހުންނަނީ ދަނގަޑު ހޮޅިން ގިއުގަނޑު ހަދާ ނައިލޯނު ވަކައިން އިށީންނަ ބައި ހަދާފައިވާކަން ފާހަގަ ކުރެވެއެވެ.

މިއަހަރުގެ ޖަނަވަރީން އޮކްޓޯބަރު މަހުގެ ނިޔަލަށް ޖަޕާނުން 25,114 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެއެވެ. ކޮވިޑް ކުރިން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޖަޕާނުން އައިސްފައިވީ ނަމަވެސް ކޮވިޑް ގެ ފަހުން އެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. 2019 ވަނަ އަހަރު ރާއްޖެ އަށް ޖަޕާނުން 44,251 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

- ކޮމެންޓް