ކ. މާލެ
|
10 އޯގަސްޓް 2025 | އާދީއްތަ 10:11
އަލް ޙިލާލްގެ އެއްބަސްވުމުގައި ނޫނޭޒް ސޮއި ކުރަނީ
އަލް ޙިލާލްގެ އެއްބަސްވުމުގައި ނޫނޭޒް ސޮއި ކުރަނީ
އަލް ހިލާލް
އަލް ހިލާލް
ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނޫނޭޒް އަލް ޙިލާލް އަށް
އަލް ޙިލާލްއާ އެކު ނޫނޭޒް ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2028 ވަނަ އަހަރާ ހަމައަށް ނޫނޭޒް އަލް ޙިލާލް ގައި ކުޅޭނެ އެވެ.

ލިވަޕޫލް އަށް ކުޅެމުން އައި އުރުގުއޭގެ ޑާވިން ނޫނޭޒް، އެ ކުލަބު ދޫކޮށްލުމަށް ފަހު ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލް އަަށް ބަދަލު ވެއްޖެ އެވެ.

ބެންފީކާ ދޫކޮށްލުމަށް ފަހު ނޫނޭޒް ލިވަޕޫލް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި، ނޫނޭޒް ނިންމީ އެ ކުލަބު ދޫކޮށްލުމަށެވެ. މީގެ އިތުރުން ލިވަޕޫލްގައި ނޫނޭޒް އަށް އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކޭތީ، އެ ކުލަބުން ވެސް ބޭނުންވީ ރަނގަޅޫ އަގެއްގައި ނޫނޭޒް ދޫކޮށްލުމަށެވެ.

ނޫނޭޒް ހޯދުމަށް އަލް ޙިލާލް އިން ލިވަޕޫލާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ކާމިޔާބު ކުރުމަށް ފަހު، ދެން ވަނީ ނޫނޭޒްއާ މަޝްވަރާ ކޮށްފަ އެވެ. އަދި އެ މަޝްވަރާތަކުގައި އޭނާ ވަނީ އަލް ޙިލާލް އަށް ބަދަލުވުމަށް އެއްބަސްވެފަ އެވެ. އަލް ޙިލާލް އަށް ބަދަލުވުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުމަށް ފަހު، މިހާރު ނޫނޭޒް ވަނީ އަލް ޙިލާލާ އެކު އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

އަލް ޙިލާލްއާ އެކު ނޫނޭޒް ސޮއި ކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން 2028 ވަނަ އަހަރާ ހަމައަށް ނޫނޭޒް އަލް ޙިލާލް ގައި ކުޅޭނެ އެވެ. އަލް ޙިލާލް އިން ނޫނޭޒް ހޯދާފައި ވަނީ، އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީގެ އެދުމުގެ މަތިން ކަަމަށްވާއިރު، ނޫނޭޒް އަކީ އިންޒާގީ ބޭނުންވާ ކުޅުންތެރިޔެކެވެ.

ނޫނޭޒް އަލް ޙިލާލް އަށް ބަދަލުވެފައިވާއިރު، މީގެ ކުރިން އޭނާ ހޯދުމަށް އިޓަލީގެ ނަޕޯލީ އާއި، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އިން މަސައްކަތް ކުރާ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނަޕޯލީ އިން ވަނީ ނޫނޭޒް ހޯދުމަށް، އޭނާ އާއެކު ވެސް މަޝްވަރާ ވެސް ކުރިއަށް ގެންދިޔަ އެވެ.

ނޫނޭޒް ވަނީ ލިވަޕޫލާ އެކު މިހާތަނަށް ތިން ސީޒަން ހޭދަކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 143 މެޗުގައި 40 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އެވެ.

މީގެ އިތުރުން ނޫނޭޒް އަންނަނީ އުރުގުއޭގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް ކުޅެދިން 35 މެޗުގައި އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ.

- ކޮމެންޓް