ކ. މާލެ
|
9 ޖުލައި 2025 | ބުދަ 11:35
އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
ރޮއިޓަރސް
އަލް ހިލާލް
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
މީގެ ކުރިން ވެސް އަލް ޙިލާލް އިން މެސީ ހޯދުމަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނިކޮށް، އޭނާ ނިންމީ މިއާމީ އަށް ބަދަލުވާން.

އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް، ސައުދީ އަރަބިއްޔާގެ އަލް ޙިލާލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށް ފަހު، މެސީ މިއާމީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ނިޔަލަށެވެ.

މެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އަންނައިރު، އޭނާގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ކަމަށް މިއާމީ އިން ވަނީ ހާމަކޮށްފަ އެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، މަޝްވަރާ ތަކުގައި ދެ ފަރާތް ވެސް ހިތްހަމަ ޖެހޭ ކަމަށް އެ ކުލަބުން ވަނީ ހާމަކޮށްފަ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މެސީ ހޯދުމަށް އަލް ޙިލާލް ޝައުޤުވެރިވެ އެވެ. އެގޮތުން އެ ކުލަބުން މެސީ ހޯދުމުގެ ރޭހަށް ވަންނާނެ ކަމަށް ބުނެފައިވާއިރު، އެ ކުލަބުން މެސީ އަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ ކުރިން ވެސް އަލް ޙިލާލް އިން މެސީ ހޯދުމަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނިކޮށް، އޭނާ ނިންމީ މިއާމީ އަށް ބަދަލުވާށެވެ.

މިހާތަނަށް މިއާމީ އަށް ކުޅެދިން 64 މެޗުގައި މެސީ 52 ލަނޑު ޖަހާފައިވާއިރު، އޭނާ އެ ކުލަބުގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބައެއް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އެގޮތުން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެމެރިކާގައި އޮންނާތީވެ، މެސީ ބޭނުން ވަނީ އެމެރިކާގައި ކުޅެން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މިހާތަނަށް އައިއިރު މެސީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ކުރިމަގާ މެދު މެސީ ގޮތެއް ނިންމާނީ އަހަރުގެ ފަހު ކޮޅުގައި ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން މެސީ ހޯދުމުގެ ރޭހަށް އަލް ޙިލާލްގެ އިތުރުން، ސައުދީގެ ބައެއް އެހެން ކުލަބުތައް ވަނުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

ސައުދީ ލީގު ވަރުގަދަ ކުރުމުގެ ގޮތުން، އެ ލީގުގެ ކުލަބުތަކުން އަންނަނީ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ގެންނަމުންނެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް ނަޞްރަށް ބަދަލުވީ ފަހުން، ސައުދީގެ ކުލަބުތަކުން ވަނީ ޔޫރަޕުގައި ކުޅެމުން އައި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

- ކޮމެންޓް