ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލް އިން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި، ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭގެ ޑާވިން ނޫނޭޒް އޮތް ކަމަށާއި، އެ ކުލަބުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ބެންފީކާ ދޫކޮށްލުމަށް ފަހު ނޫނޭޒް ލިވަޕޫލް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި، ނޫނޭޒް ބޭނުން ވަނީ ކުލަބު ދޫކޮށްލަން ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި ލިވަޕޫލްގައި ނޫނޭޒް އަށް އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކޭތީ، އެ ކުލަބުން ވެސް ބޭނުން ވަނީ އޭނާ ދޫކޮށްލަން ކަމަށް ބުނެފައިވެ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސައުދީ ލީގުގެ އަލް ޙިލާލް އިން ނޫނޭޒް ގެންނަން ބޭނުންވެ އެވެ. އެގޮތުން އަލް ޙިލާލް އިން އަންނަނީ އެކަމާ ގުޅުންހުރި މަޝްވަރާތައް ނޫނޭޒްއާ އެކު ކުރިއަށް ގެންދަމުން ކަމަަށް ބުނެފައިވެ އެވެ. ލިވަޕޫލް އިން އޮތީ ދާއިމީ އެއްބަސްވުމެއްްގެ ދަށުން ނޫނޭޒް ދޫކޮށްލަން ކަމަށާއި، އެ ކުލަބުން ބޭނުންވާ ވަރުގެ ހުށަހެޅުމެއް ލިބިއްޖެ ނަމަ އެކަމަށް އެއްބަސް ވާނެ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
އަލް ޙިލާލް އިން ނޫނޭޒް ހޯދުމުގެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، ނޫނޭޒް ގެންނަން އެންމެ ބޮޑަށް ބޭނުން ވަނީ ދާދި ފަހުން އަލް ޙިލާާލްގެ ކޯޗުކަމާ ހަވާލުވި ސިމޮން އިންޒާގީ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެގޮތުން އިންޒާގީ ބޭނުންވާ ގޮތަށް ކުލަބު ކުރިއަށް ގެންދަން އަލް ޙިލާލް އިން ތައްޔާރަށް އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.
ނޫނޭޒް ދޫކޮށްލަން ލިވަޕޫލް އިން ބޭނުންވާއިރު، މީގެ ކުރިން އޭނާ ހޯދުމަށް އިޓަލީގެ ނަޕޯލީ އާއި، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އިން މަސައްކަތް ކުރާ ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ނަޕޯލީ އިން ވަނީ ނޫނޭޒް ހޯދުމަށް، އޭނާ އާއެކު ވެސް މަޝްވަރާތައް ކޮށްފަ އެވެ.
ނޫނޭޒް ވަނީ ލިވަޕޫލާ އެކު މިހާތަނަށް ތިން ސީޒަން ހޭދަކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 143 މެޗުގައި 40 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އެވެ.
މީގެ އިތުރުން ނޫނޭޒް އަންނަނީ އުރުގުއޭގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް ކުޅެދިން 35 މެޗުގައި އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ.