ލިވަޕޫލް އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑާވިން ނޫނޭޒް ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލް އިން ކުރަމުން އައި މަސައްކަތުގައި، ލިވަޕޫލާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ބެންފީކާ ދޫކޮށްލުމަށް ފަހު ނޫނޭޒް ލިވަޕޫލް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި، ނޫނޭޒް ބޭނުން ވަނީ ކުލަބު ދޫކޮށްލާށެވެ. އަދި ލިވަޕޫލްގައި ނޫނޭޒް އަށް އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކޭތީ، އެ ކުލަބުން ވެސް ބޭނުން ވަނީ އޭނާ ދޫކޮށްލުމަށެވެ.
މީގެ ކުރިން މީޑިއާ ތަކުން ވަނީ، ނޫނޭޒް ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފަ އެވެ. އެގޮތުން އަލް ޙިލާލްގެ ކޯޗު ސިމޯން އިންޒާގީ ބޭނުން ވާތީ، އެ ކުލަބުން ނޫނޭޒް ގެނައުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ލިވަޕޫލާ އެކު ކުރި މަޝްވަރާ ތަކުގައި އަލް ޙިލާލް އިން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އެހެންކަމުން ނޫނޭޒް ދޫކޮށްލުމަށް ލިވަޕޫލް އިން ކިޔާ އަގަށް އަލް ޙިލާލް އިން އެއްބަސްވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިހާރު އަލް ޙިލާލް އިން އަންނަނީ ނޫނޭޒް އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން، އަލް ޙިލާލް އަށް ބަދަލުވުމާ މެދު ގޮތެއް ނިންމުން އޮތީ ނޫނޭޒްގެ އަތް މަތީގައި ކަމަށާއިި، އޭނާ އާއެކު އެއްބަސްވުމަކަށް އައުމަށް އަލް ޙިލާލް އިން މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނޫނޭޒް ވަނީ ލިވަޕޫލާ އެކު މިހާތަނަށް ތިން ސީޒަން ހޭދަކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 143 މެޗުގައި 40 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އެވެ.
ނޫނޭޒް ދޫކޮށްލަން ލިވަޕޫލް އިން ބޭނުންވާއިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން އިޓަލީގެ ނަޕޯލީ އާއި، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް އިން ވެސް ފާޅުކޮށްފައިވާ ކަމަށް މީޑިއާ ތަކުގައި ކުރިން ވެސް ބުނެފައިވެ އެވެ. އެގޮތުން ނަޕޯލީ އިން ނޫނޭޒް އާއެކު މަޝްވަރާތައް ކުރި ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ނޫނޭޒް އަންނަނީ އުރުގުއޭގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް ކުޅެދިން 35 މެޗުގައި އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ.