އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ސައުދީ އަރަބިއްޔާގެ އަލް ޙިލާލްގެ މައްޗަށް ކުރި ހޯދައި، ބްރެޒިލްގެ ފްލުމިނެންސޭ އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ދަންވަރު ކެމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ފްލުމިނެންސޭ އިން ކާމިޔާބު ކުރި 2-1 އިންނެވެ. މެޗުގައި ފްލުމިނެންސޭ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އަލް ޙިލާލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ލަނޑެއް ޖަހައިގެން ފްލުމިނެންސޭ ވަނީ މެޗުން މޮޅުވެފަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު އަލް ޙިލާލް އިން ހޯދީ ގަދަ 16 ވަނަ ބުރުގައި ވަރުގަދަ މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ފްލުމިނެންސޭ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ ގަދަ 16 ވަނަ ބުރުގައި އިޓަލީގެ އިންޓަރ މިލާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ފްލުމިނެންސޭ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މަތުއުސް މާޓިނެލީ އެވެ. އެއީ ގަބްރިއަލް ފުއެންޓެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އަލް ޙިލާލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޚަލީދޫ ކުލިބާލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކޮސް ލިއޮނާޑޯ ޖެހި ލަނޑުންނެވެ. އޭގެ ފަހުން މެޗުގައި އަލް ޙިލާލް އަށް ވަނީ ލީޑު ފުޅާ ކުރާނެ ފުރުސަތު ވެސް ލިބިފަ އެވެ.
ނަމަވެސް، މެޗުގެ 70 ވަނަ މިނެޓުގައި ފްލުމިނެންސޭ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިގެން އަނެއްކާ ވެސް ކުރި ހޯދައިފަ އެވެ. އެއީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ހާކިއުލްސް ޖެހި ލަނޑުންނެވެ. އޭނާ އެ ލަނޑު ޖެހީ ސަމުއެލް ޒަވިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.