އައްޑޫ ސިޓީ ރޫޅާލައި ރަށު ކައުންސިލްތައް ހެދުމަށް އައްޑޫ އަށް ނިސްބަތްވާ ބައެއް މަޖްލިސް މެމްބަރުން ދަނީ ތައްޔާރު ވަމުން ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިހެން ވިދާޅުވީ، އެކްސް ގައި ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓެއް ގައެވެ.
ނިޒާރު ވިދާޅުވީ، އައްޑޫ، ސިޓީ އެއްގެ ގޮތުގައި އޮޮތުމަކީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް އެތަކެއް މަންފާ ލިބޭ މުހިންމު ކަމެއް ކަމަށާއި، އަދި އައްޑޫ ރުޅާލުމަށް ދައްކާ ވާހަކަ ތަކަކީ އިލްމީ ބަރުދަނެއް ނެތް ޖާހިލު ވާހަކަތަކެއް ކަމަށެވެ.
"އެއީ އައްޑޫ ނިކަމެތި ކޮއްލަން ދައްކާ މަކަރުވެރި ވާހަކަތަކެކެވެ."
"އައްޑު އަތޮޅު" އިދާރީ ގޮތުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅާ ގެޒެޓް ކުރެވުނީ 2011 ޖެނުއަރީ މަހު 10 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުންނެވެ.
ނިޒާރު ވިދާޅުވީ، އެކަން އެހެން ކުރެެއްވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ފާގަތިކަމަށް އަވަސް ކުރިއެރުން ހޯދަދެއްވުމަށް ކަމަށާއި އެއީ އައްޑޫ ރައްޔިތުންނަށް ރުހެވުނު އުފާވެރިކަން އިހުސާން ކުރެވުނު ޝަރަފުވެރި ނިންމެވުމެއް ކަމަށެވެ.
އެހެން ނަމަވެސް ނިޒާރު ވިދާޅުވީ، "އެ ނިންމެވުމާއި އެކު އައްޑޫގެ ކުރިއެރުމާއި ދެކޮޅު ޣައްދާރުން ތަކެއް އެކަމާއި ދެކޮޅަށް ނިކުމެ އެޝަރަފު ނިގުޅައި ގަތުމަށް މަސައްކަތް ކުރި،" ކަމަށެވެ.
އޭގެ 14 އަހަރު ފަހުން އަނެއްކާވެސް ޣައްދާރުން ތަކެއް ފާޅުވެ ސިޔާސީ ގޮތުން މިވަގުތު ބާރު އޮތަތީ އައްޑޫ އިދާރީ ގޮތުން ބައިބައިކޮއްލައި ނިކަމެތި ކޮއްލަން މަސައްކަތް ވަނީ ފެށިފައި ކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ފާހަގަ ކުރެއްވި ގޮތުގައި އެހެން އެކަން ވެއްޖެ ނަމަ އެކަން ވާނީ އައްޑޫގެ ފަޚުރުވެރި ނަން ފޮހެވިގެން ދާނެ ހިތާމަވެރި ހާލަތަކަށް ކަމުގައެވެ.
"މިކަމުގައި އެންމެ އިސްވެ މަސައްކަތް ކުރައްވާ ބޭފުޅުން ނަކީ ޕީ.އެން.ސީ އަށް ނިސްބަތްވާ އައްޑޫ މަޖްލިސް މެމްބަރުން ކަމަށް މައުލޫމާތު ދަނީ ލިބެމުންނެވެ."
ނިޒާރު ވިދާޅުވީ، މިބޭފުޅުން ހިމެނިގެން މިކަން މިގޮތައް ކޮއްފި ނަމަ އެ މީހުން ވެދާނީ އައްޑޫ ސިޓީގެ ތާރީޚްގައި އެ ސިޓީ އަށް އެންމެ ބޮޑު ގެއްލުމެއް ދިން އައްޑޫ ސިޓީގެ ތަރައްގީ އާއި ކުރިއެރުން ހުއްޓުވާލި ޣައްދާރުންގެ ގޮތުގައި ކަމަށާއި، ސީޔާސީ މުޖުރިމުންގެ ގޮތުގައި ކަމުގައެވެ.
ނިޒާރު ވިދާޅުވީ އެއީ "މާފު ނުކުރޭވޭނެ ޖަރީމާއެއް،" ކަމުގައެވެ.