އައްޑޫ ސިޓީގެ ރައްޔިތުންނަކީ ވަޒީފާ އާއި ފައިސާގެ ބާރުން ނުފޫޒު ފޯރުވޭނެ ބައެއް ނޫންކަން ރައީސް މުއިއްޒަށް ސާބިތު ކޮށްދީފި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް ތަރުތީބުވެ ހަރުދަނާވެފައިވާ ހިނދު، ސަރުކާރުން ދޭ ވަޒީފާތަކާއި މާލީ މަންފާތަކުގެ ޒަރިއްޔާއިން ރައްޔިތުންގެ ނިންމުމަށް ބަދަލެއް ނުގެނެވޭނެ އެވެ. އިމްރާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވަޒީފާއާއި ފައިސާ އިން ބޭނުންހާ ކަމެއް ނުކުރެވޭކަން އައްޑޫ ސިޓީގެ ރައްޔިތުން މިވަނީ ވަރަށް ސާފުކޮށް ރައީސް މުއިއްޒު އަށް ދައްކުވައިދީފައެވެ.
ރައްޔިތުންގެ ވިސްނުން ވަކިގޮތަކައް ތަރުތީބުވެ ހަރުވީމާ،ވަޒީީފާއާއި ފައިސާއިން ބޭނުންހާ ކަމެއް ނުކުރެވޭކަން އައްޑޫސިޓީގެ ރައްޔިތުން ރައީސް މުއިއްޒު އަށް ސާބިތު ކޮށްދީފި.
— Imran Abdulla (@ShimranAb) October 26, 2025
ރައީސް މުއިއްޒުގެ ހާއްސަ ގަރާރެއްގެ ދަށުން ހޮނިހިރު ދުވަހު ބޭއްވުނު ހިޔާލު ހޯދުމުގެ ވޯޓުގައި، ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބާރުގަދަ އެއް ވަޒީރު ކަމަށްވާ ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ، ފޭދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރުމަށް ވަރުގަދަ ކެމްޕޭނެއް ކުރައްވާފައެވެ.
މި ވޯޓަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމަށްޓަކައި ވަޒީފާތަކާއި ފައިސާ ވެސް ބަހާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް މިހުރިހާ ނުފޫޒަކަށް ނޫނެކޭ ބުނުމަށް ފަހު ހޮނިހިރު ދުވަހު ނެގުނު ވޯޓުގައި ފޭދޫ ރައްޔިތުން ވަނީ ބޮޑު އަގުލަބިއްޔަތަކުން އައްޑޫ ސިޓީ ކައުންސިލުގައި ދެމިތިބުމަށް ނިންމާފައެވެ.
އިލެކްޝަން ކޮމިޝަންގެ ރަސްމީ ނަތީޖާތަކުން ދައްކާ ގޮތުގައި، ފޭދޫގައި ނެގުނު ވޯޓުގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،784 މީހުން ވޯޓުދީފައި ވާއިރު، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓުދިނީ އެންމެ 616 މީހުންނެވެ. މި ވޯޓުގައި ފޭދޫގެ 55.94 އިންސައްތަ މީހުން ބައިވެރިވެފައިވެއެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނަކީ އަބަދުވެސް ސިޔާސީ ގޮތުން ހޭލުންތެރި، އަދި މިނިވަން ވިސްނުމެއް ގެންގުޅޭ ބައެއްކަން އެއީ ތާރީޚުން ފެންނަން އޮތް ޙަޤީޤަތެކެވެ. މިފަދަ ރައްޔިތުންތަކެއް ދިރިއުޅޭ ސަރަޙައްދެއްގައި ވަޒީފާ އާއި ފައިސާގެ ބާރު ބޭނުންކޮށްގެން ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫންކަން އައްޑޫ ރައްޔިތުން ވަނީ އެތައް ފަހަރަކު ސާބިތުކޮށްދީފައެވެ.