އިގްތިސާދީ ހާލަތު ރަނގަޅު ކުރަން އަޅަން ޖެހޭ ރަނގަޅު ފިޔަވަޅު ނޭނގޭ ނަމަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މުއިއްޒު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް ގޮވާލައްވައިފިއެވެ.
އަމީރު، ސައީދަށް ރަށްދު ދެއްވީ ރާއްޖެ 40 އަހަރުން އުފެއްދި ވަރަށް ވުރެ ބޮޑު ދަރަންޏެއް ރައީސް ޞާލިހްގެ ދައުރުގައި އެކަނި ވަނީ އުފައްދާފައިވާ ކަމަށް ވިދާޅުވެ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ހަގީގަތް އޮޅޭ ގޮތައް ދެއްކެވި ވާހަކަފުޅަކަށެވެ.
"އޭރު ދިމާވި ހާލަތުގައި [ކޮވިޑްގެ ބަލިމަޑުކަމުގައި] ކުރަން ޖެހުނު ކޮންމެ ކަމެއް ކާމިޔާބު ކަމާއެކު ކޮށް، މި ދިޔަ ސަރުކާރުގައި ވާނީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ނަގައި، 2023-2021 ދުނިޔޭގަ ވެސް އެވްރެޖް ކޮށް އެންމެ ބާރަށް ކުރިއަރައި ދިޔަ އެއް އިގްތިސާދަށް ރާއްޖެ ހަދައިފައި." އަމީރު ވިދާޅުވިއެވެ.
އަމީރު އެކްސްގައި އަންގާރަ ދުވަހު ކުރެއްވި ޕޯސްޓެއް ގައި އިތުރަށް ވިދާޅުވީ، ސަރުކާރު ބަދަލުވެގެން ހަވާލުވި ތި ފަރާތްތަކުން، މުޅިން ގޯސް ސިޔާސަތުތައް ކުރިއަށް ނެރެފައިވާ ކަމަށެވެ.
އޭގެ ސަބަބުން "އަޅަން ޖެހޭ ރަނގަޅު ފިޔަވަޅު ނޭގި، ގަބު ކައިފަ ތިބުމަކީ އެހެން މީހުން އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން،" ކަމަށް އަމީރު ވިދާޅުވިއެވެ.
"ކަންތައްތައް ރަނގަޅު ކުރަން ނޭނގޭ ނަމަ، އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ." އަމީރު ވިދާޅުވިއެވެ.
ދުނިޔެ އަށް ކުރިމަތިވި ކޮވިޑް ވަބާއާ އެކު 2020ގެ ފުރަތަމަ 9 މަސް ދުވަހު ރާއްޖޭގެ ޖީޑީޕީ 33 އިން ސައްތަ ދަށަށް ދިއުމުގެ އިތުރުން އާމްދަނީ އަދި އެހީ 35 އިން ސައްތަ ދަށަށް ދިޔަ ކަން ވޯލްޑް ބޭންކުގެ ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައިސް، އިގްތިސާދު ދުވަހަކު ނުދާ މިންވަރަކަށް ދަށަށް ދިޔަ ދަނޑިވަޅުގައި ވެސް ރައީސް ސާލިހް ގެ ސަރުކަރުން ގެންދިޔައީ ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އެތައް ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެ ގޮތުން ކޮވިޑް 19 ގެ ބަލިމަޑު ކަމުން އަރައިގަތުމަށް ކުރިން ބަޖެޓް ކޮށްފައި ނެތް އެތައް ކަމަކަށް ސަރުކާރަށް ޚަރަދު ކުރަން ޖެހުނު ކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގެ ސިޔާސަތަކަށް އޭރު ވެފައި އޮތީ، ދަރަނި ނަގައިގެން ވިޔަސް، ރައްޔިތުންނަށް ދަތިވިޔަ ނުދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށެވެ.
އެ ގޮތުން ސަރުކާރުން ވަނީ އެ ހާލަތުގައި ވެސް ކަރަންޓް ބިލުން ޑިސްކައުންޓް ދީ، ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީ ފޯރުކޮށްދީ، އާންމު ފަރާތްތަކުން ނަގާފައިވާ ލޯނު ދެއްކުން ފަސްކޮށްދީ، އިތުރު ފަސޭހަތަކާ އެކު އިތުރު ލޯނު ދީ، ރިސޯޓުތަކުގެ ކުލި ފަސްކޮށް ދީ، ސިވިލް ސާވަންޓުންގެ މުސާރަ އުނިނުކޮށް ހިފެހެއްޓުން ފަދަ އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ކާބޯތަކެއްޗަކަށް ޖެހުނަ ނުދީ، ކަރަންޓެއް ފެނުގެ ޚިދުމަތް މެދުކެނޑުނަ ނުދީ، ބޭސް ފަރުވާ އަށް މަޑުޖެހުމެއް އަޔަ ނުދީ ކޮވިޑް ހާލަތުގައި ސަރުކާރުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.