ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ އާއި މެދު ސުވާލު ކުރުމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ނުރުހުންވެ ވަރަށް ބޮޑަށް ސަރުކާރު ދިފާއު ކުރައްވައި ވާހަކަދައްކަވައިފިއެވެ.
މިނިސްޓަރ ސައީދު ވާހަކަދައްކަވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކުރައްވާފައިވާ ސުވާލަކަށް އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޖަވާބުދެއްވަމުންނެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކުރި މަސައްކަތުން ރާއްޖެ އިން އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރާ މަހުން 24% ގައި ނެގެމުންދިޔަ ޑިއުޓީ 20% އަށް ކުޑަކުރުމަށް ނިންމިއެވެ. އަދި މަހުން ނެގޭ ޑިއުޓީ އެއްކޮށް ކަނޑާލުމަށްޓަކައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރެވުނު ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި ޢަމަލުކުރުމަށް ވަނީ ނިންމާފައެވެ.
މީކާއިލް ސުވާލުކުރައްވާފައި ވަނީ މި އެއްބަސްވުމުގެ މަސައްކަތް އޮތީ ކޮން މަރުޙަލާ އެއްގައިތޯ ސާފުކުރުމަށެވެ. އަދި 28 މޭ 2025 ގައި ކުރިއަށްދިޔަ މޯލްޑިވްސް ޔޫކޭ ޑަޔަލޮގްގެ ބައްދަލުވުމުގައި މި އެއްބަސްވުމާ ބެހޭ ވާހަކަ އެއް ހިމަނާފައި ނުވަނީ ކީއްވެގެންތޯ ވެސް މީކާއިލް ވަނީ ސުވާލުކުރައްވާފައެވެ.
މިނިސްޓަރ ވާހަކަ ފެއްޓެވީ ވެސް އެ އެއްބަސްވުމަށް ފުރަތަމަ ހުށަހެޅީ ރައީސް ޞާލިހުގެ ސަރުކާރުގެ ކުރިން ކަމަށް ފާހަގަކުރައްވަމުންނެވެ. އަދި އެ މަސައްކަތް ކުރީ އެ މަނިކުފާނު ސޮއިކުރައްވައިގެން ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު ހުރި ރޭޓަކީ ދިވެހި ސަރުކާރުން ވާހަކަދައްކައިގެން ހޯދި ރޭޓެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި ޢަމަލުކުރުމަށް ނިންމާފައިވާ ކަމަށް އެނގޭނެ ލިޔުމެއް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބައިލެޓްރަލް ބައްދަލުވުންތައް ބާއްވަނީ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރގެ ޖަވާބާއި ގުޅިގެން މީކާއިލް ވަނީ މި ދައުރުގެ ތެރޭގައި ޑިއުޓީ ކުޑަކުރެވޭނެ ކަމުގެ އެއްވެސް ނިޝާނެއް ފެނިވަޑައިގެންފައިވޭތޯ ސުވާލުކުރެއްވުމުން ދެއްވި ޖަވާބުގައި ޑިއުޓީ ކުޑަކުރުމަށް ކުރާ އެއްވެސް މަސައްކަތެއް ސައީދަށް ވިދާޅުވެދެއްވިފަ އެއް ނުވެއެވެ. ނަމަވެސް ގިނަ ގައުމުތަކާއި އެކު ޓެރިފް އާއި މެދު ރައީސް ޑރ.މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެ ސުވާލަށް ޖަވާބުދެއްވުމުގެ ބަދަލުގައި މުއިއްޒުގެ ޚާރިޖީ ސިޔާސަތަށް ތައުރީފްކުރައްވާ ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން މަޖިލީހުގެ ފްލޯގައި ވަޒީރު ދެއްކެވި ވާހަކަތައް ބިނާކުރެއްވީ އެމްޑީޕީގެ ސަރުކާރަށް ފާޑުކިޔުމާއި، 19 ވަނަ މަޖިލީހުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންގެ މަސައްކަތްތައް ރަނގަޅު ނޫން ކަމަށް ބުނެ ވާހަކަދެއްކެވުމަށެވެ.
އަންގާރަ ދުވަހުގެ މަޖިލީހުގައި އިތުރު ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވެސް ވަނީ ފްރީޓްރޭޑް އެއްބަސްވުމުގެ ތެރެއިން ބޮޑުކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުގެ މަސައްކަތާއި މެދު ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވަނީ އެމްޑީޕީ އަކީ ފްރީޓްރޭޑާއި ރައްޓެހި ޕާޓީ އެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ވާހަކަދެއްކެވިއެވެ. އެހެނިހެން މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދިނުމުގައި ވެސް ސަރުކާރުގެ ސިޔާސަތުގެ ވާހަކަ އަށް ވުރެ ބޮޑަށް ސައީދު ދެއްކެވީ އެމްޑީޕީ އާއި މެދު ހުރި ނުރުހުންތަކުގެ ވާހަކަ އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވާހަކައެވެ.
މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ބައެއް ކަންކަމަށް ވެސް ފާޑު ވިދާޅުވިއެވެ. ނަމަވެސް ފްރީޓްރޭޑް އެގްރީމެންޓާއި މެދު ކުރި ސުވާލުތަކަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވެއެވެ. ފްރީޓްރޭޑް އެގްރީމެންޓް ވަނީ ހުއްޓިފައިތޯ ނޫންތޯ، މަޝްވަރާ ކުރޭތޯ ނޫންތޯ ކުރި ސުވާލުތަކަށް ވަޒީރު ސީދާ ޖަވާބެއް ނުދެއްވައެވެ. ގިނަ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ބަދަލުގައި ވަގުތު ހޭދަކުރެއްވީ ނިމިދިޔަ ސަރުކާރަށް ފާޑުވިދާޅުވުމުގައެވެ.