ދިވެހި ސަރުކާރު ވެސް ސްކޭމެއްގައި ނުޖެހި ސަލާމަތްވީ ކިރިޔާ ކަމަށާއި، ފޭކް ޝޭހަކަށް 70 މިލިއަން ޑޮލަރު ޖަމާނުކުރީ ކިރިޔާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
"ސަރުކާރު ވެސް ކިރިޔާ ސްކޭމް އެއްގައި ނުޖެހި ސަލާމަތްވީ. ފޭކް ޝޭހަކަށް ކިރިޔާ ފައިސާ ޖަމާނުކުރީ. އަނެއްކާ 70 މިލިއަން ޑޮލަރު ކޭޝްގެ ސްކޭމެއްގައި ވެސް ނުޖެހުނީ ކިރިޔާ. 2 ބިލިއަނެއްހާ ޑޮލަރު ގެންނަ ކަހަލަ ސްކޭމް އެއްގެ ވާހަކަ ރޭގަ ވެސް އަޑު އިވުނު. " ޝަމްހީދު ވިދާޅުވިއެވެ.
އެޕްރީލް މަހު ރާއްޖޭގައި ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް އިންވެސްޓް ކުރެއްވުމަށް ކަމަށް ބުނެ ރާއްޖެ އައިސްފައިވާ ސައުދީގެ އާންމު ރައްޔިތަކާއި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވާ ފޮޓޯ ނަންގަވާފައިވެއެވެ. އަދި އަމީރާއި ބައްދަލު ކުރެއްވި ކަމަށްބުނެ ރައީސް އޮފީހުގެ ވެބްސައިޓްގައި ހަބަރު ޝާއިއުކޮށްފައިވެސް ވެއެވެ. ފަހުން އެއީ ސައުދީ އަމީރެއް ނޫންކަން ވަނީ ފަޅާއަރާފައެވެ. ޝަމްހީދުގެ ވާހަކައިގައި އިޝާރާތްކުރައްވާފައި ވަނީ އެފަދަ ކަންކަމަށެވެ.
މީގެ އިތުރުން، ވަރަށް ގިނަ ހައުސިން ޕްރޮޖެކްޓްތައް ރާއްޖޭގައި ސްކޭމެއް ގޮތަށް ސިފަވާ ގޮތަށް ހިންގާފައި ހުރި ކަމަށް ޝަމްހީދު ވިދާޅުވިއެވެ. ޕޮލްކޯ، ސިފްކޯ، ސީލައިފް، ގުޅީފަޅު އަދި ޖާހު އަކީ ވެސް ސްކޭމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެފަދަ ގިނަ މައްސަލަތަކަށް ކުރީ ސަރުކާރުން ހައްލު ހޯދާދީފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ކޭޕާކް މައްސަލަ އަކީ ވެސް ސްކޭމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. ކޭޕާކު ޕްރޮޖެކްޓަކީ އެ ޕްރޮޖެކްޓަށް ފައިސާ ދެއްކި އެންމެންގެ ހައްގެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށް ހައްލެއް ހޯދަން ކޯޓުތަކަށް ދާނަމަ އެތައް އަހަރަކަށް އެ މަރުހަލާ ދެމިގެންދާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރަން މަޖިލީހުން ނުވަތަ ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ކޭޕާކަށް ފައިސާގެ ގޮތުން ބަދަލު ނުދެވޭ ނަމަ އެ އިމާރާތް ކޭޕާކު އެޕާޓްމެންޓުތަކަށް ފައިސާ ދެއްކި ފަރާތްތަކުގެ ނަންމައްޗަށް ރަޖިސްޓްރީކޮށްދިނުމަކީ އޮތް ހައްލެއް ކަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ. އެތަނަށް ދައުލަތުން ބަދަލު ދިނުމަކީ ބަލައިގަނެވޭކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި 2021ން 2024 ވަނަ އަހަރަށް 28000 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ޑރ.ޝަމްހީދު ވިދާޅުވިއެވެ. އަދި އިހަކަށް ދުވަލު "ޖެމްކިއު" ސްކޭމްގައި ޖެހިގެން 500 ވަރަކަށް މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ގެއްލިފައިވާ ކަަމަށް ޑރ.ޝަމްހީދު ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ ސައިލަކު ދޭނެ ކަމަށް ބުނެ އެޑްވާންސްކޮށް ފައިސާ ނަގައިގެން ވެސް ސްކޭމްތައް ހިންގާކަން ޝަމްހީދު ވިދާޅުވިއެވެ.
އެފަދަ މައްސަލަތަކުގައި ސަރުކާރުން އެކަނި ހައްލު ހޯދިދާނެ ކަަމަށް ބެލެން ނެތް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.