މި ސަރުކާރުން އެސްއީޒެޑް ޤާނޫނަށް އިސްލާހު ހުށަހެޅީ، 11 ރިސޯޓާއި 22 ފިނޮޅު ޓެކްސް އިން ބަރީއަކޮށްދިނުމަށް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައެވެ. އަދި އެ އިސްލާހުގެ އިބްތިދާއީ ބަހުސް އަންގާރަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަންގާރަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން ޑރ.ޝަމްހީދު ވިދާޅުވީ މި އިސްލާހަކީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. ޝަމްހީދު ވިދާޅުވީ އެ އިސްލާހަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ލިބޭގޮތް ހަމަޖެއްސުން ކަމަށެވެ.
މިހާރު ރިސޯޓު ވިޔަފާރި ހިންގަމުންދާ މީހުން އަދި ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ހިންގާ ރިސޯޓުތަކާ ވާދަކުރުމުގެ މާހައުލު މި އިސްލާހާއި އެކު ގެއްލިގެން ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެވފައެވެ.
ހަގީގަތުގައި މި ޓައުންޝިޕް އަކީ ނޫނު އަތޮޅުގައި މިހާރު ހަދާ ރިސޯޓެއް. އެ ތަނުގެ 11 ރަށް މިހާރު ހިއްކާފައިވޭ. އަދި އެ ތަން ސަރުކާރުގެ ތެރެއިން ވަކި ބަޔަކު ބޭނުން ވަނީ ޓެކްސް އިން ބަރީއަކޮށްދޭން.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު![]()
ޝަމްހީދު ވިދާޅުވީ، މި އިސްލާހު ފާސްކޮށް، ތަންފީޒުކޮށްފި ނަމަ ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ކަނޑައަޅާ ތަންތަނުން ދިވެހިންނަށް އެފަދަ ތަންތަނުން ލިބެނީ ވިލާ ވިއްކައިގެން ލިބޭ 1 ޕަސެންޓާއި ވިޔަފާރި ފައިދާއިން 5 ޕަސެންޓް ކަމަށެވެ. މިއީ އެތައް ބިލިއަން ރުފިޔާ ސަރުކާރުން އޮޅުވާލައިގެން ކާލުން ކަމަށް ވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.
500 މިލިއަން ޑޮލަރަށް ހަދާފައި، ހޮޓެލް ސްކޫލަކާއި ހަސްފަތާލެއް އެތަނުގައި ހުރީމަ އެތަން ހަދަން ގެންނަ އެއްޗެއްސަށް އިމްޕޯޓް ޑިއުޓީ ފްރީ އޭ، ޓީޖީއެސްޓީ ފްރީ އޭ ގްރީން ޓެކްސް ފްރީ އޭ. މިއީ ޤާނޫނުގައި ބުނާ ގޮތް ވިލާ ވިއްކާފައި ދޭށޭ ތިމަންނަމެންނަށް 1 ޕަސެންޓް. މިއީ ގާނޫނުގައި އޮތް ގޮތް.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު![]()
މިއީ އަމިއްލަ މަންފާ އަށްޓަކާ މުޅި ފަތުރުވެރިކަމުގެ ދާއިރާ ފުނޑާލުމަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ. މި ބިލަކީ މިއީ ކޮން މަޤްސަދެއްގައި ކޮން ކަމެއް ހާސިލްކުރުމަށް ހުށަހެޅި ބިލެއްކަން މަޖިލީހުގައި ތިބި ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުންނަށް ވެސް އެނގިވަޑައި ނުގަންނަވާ ކަަމަށް ފާހަގަކުރައްވާ ޑރ.ޝަމްހީދު ވަނީ އެ މެމްބަރުންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އިގްތިސާދަށް ލޮޅުން އަންނަ ގޮތަށް މާލީ ކަންކަމާއި، ފަޅުރަށްތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ކަންކަން ވިލަރެސް ކުރަމުންދާ ކަމަށް ބުނެ ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވަމުންނެވެ.