ރާއްޖޭގައި ކަންކަން ކުރަމުންދާ ގޮތުން ޕެންޝަނަކީ މިހާރު ޓެކްސް އެއް ކަމަށާއި ޕެންޝަން ނިޒާމުގެ ފައިސާ ބޭނުން ކުރަނީ ސަރުކާރުގެ ބޭނުމަށް ކަމަށް ހުޅުމާލެ ދެކުނު ދައިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަމްހީދު އެފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާ ނަމަ ޕެންޝަން ސްކީމަކީ ބޯހިޔާވަހިކަމާއި، ރިޓަޔަރމަންޓް އަދި ސިއްހީ ކަންކަމުގައި ވެސް ހައްލު ކަމަށް ޝަމްހީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރާއްޖޭގެ ރިސޯޓްތައް ފަދަ ޕައރިވެޓް ސެކްޓަރގެ ތަންތަނުގައި ވެސް ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަނީ އަސާސީ މުސާރަ އަކީ ވަރަށް ކުޑަ މަސާރަ އެއްގެ ގޮތުަގައި ހަމަޖައްސައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕެންޝަން ފަންޑުގެ ހަގީގީ ފައިދާ ނުލިބޭ ކަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ.
އެހެންނަމަވެސް ރާއްޖޭގައި އެ ނިޒާމް ހިނގަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެންމެން ވެސް އޮޅުވާލަނީ ބޭސިކް ސެލަރީ އިން ޕެންޝަނަށް ޖަމާ ކުރަނީ ވަރަށް ކުޑަ އަދަދެއް. ސަރުކާރުން ވެސް މިކަން ކުރެއްވުމުގެ ސަބަބުން ޕެންޝަން އަދި ރިޓަޔަރމެންޓް ލިބެން ޖެހޭ ހަގީގީ ފައިދާ ނުލިބޭ.
ހުޅުމާލެ ދެކުނު ދައިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު![]()
ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި ބޯހިޔާވަހިކަން ފަދަ މުހިންމު ކަންކަމަށް ޕެންޝަން ފަންޑުން ހޭދަ ކުރެވޭނެ މަގު ފަހި ކުރެވޭނީ ލިބޭ އާމްދަނީ އިން ޕެންޝަން ޖަމާކުރަން ފަށައިގެން ކަމަށް ޑރ.ޝަމްހީދު ވިދާޅުވިއެވެ. އަސާސީ މުސާރަ އަކީ 2000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ފަހު ޕެންޝަނަށް ފައިސާ ޖަމާކުރުމުން ހަގީގީ ފައިދާ ވަނީ ސަރުކާރަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މިހާރު ހަގީގަތުގައި ޕެންޝަން ސްކީމް ވެފައި ވަނީ ސަރުކާރުގެ ހޭދަތައް ކުރުމަށް އޮތް ސްކީމަކަށް. މިއީ ދައުލަތުން ނަގާ ޓެކްސް އެއް. މި ޓެކްސް އިން ހޭދަކުރަނީ ދައުލަތުގެ މުސާރަ ދިނުމަށާއި ދައުލަތުގެ މަޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދުމަށް. މިއަދު އަޑު މި އިވެނީ ޕްރިންޓް ވެގެން ސަރކިއުލޭޝަންތަކެއް ނުކުންނަ ވާހަކަ.
ހުޅުމާލެ ދެކުނު ދައިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު![]()
ޑރ.ޝަމްހީދު އެފަދައިން ވިދާޅުވެފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕު ކޮށްގެން ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑު މެދުވެރިކޮށް ހޯދައިދިނުމަށް މަސައްކަތް ކުރާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. ފައިސާ ޗާޕު ނުކުރުމަކީ ރައީސް މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެއް ކަމަށް ވީ ނަމަވެސް މިހާރު އެއާއި ދެކޮޅަށް ސަރުކާރުގެ އަމަލުތައް ބަހައްޓާތީ އެކަމަށް އާއްމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.