ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކަމަށް އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީ އިން ބުނެފިއެވެ.
އެގައުމުގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީން ހާމަ ކުރިގޮތުގައި، މިނިވަން ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނީ ޖުލައި 25ގަ އެވެ. އަދި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގައި މޯދީ ބައިވެރި ވެވަޑައިގަންނަވާނެ ކަމަށެވެ.
އަދި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެކްސްޓާރނަލް އެފެއަރޒް މިނިސްޓްރީ އިން ބުނެ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ އާދިއްތަ ދުވަހު ބުނީ، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށާއި ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. ހަމައެއާއިއެކު ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާތައް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ޝަރަފުވެރިއަކަށް ވަޑައިގަންނަވާއިރު ރައީސް މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވީ އިންޑިއާ އާ ދެކޮޅު ކެމްޕޭނެއް ހިންގަވައިގެންކަން އިންޑިއާގެ ނޫސްތަކުން ފާހަގަ ކުރެއެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ "އިންޑިއާ ފަސްޓް" ސިޔާސަތު ދޫކޮށްލައްވައި، ޗައިނާ އާ ގުޅުން ބަދަހި ކުރައްވަން މުއިއްޒު މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް 2024 ވަނަ އަހަރުގެ ފަހުކޮޅުގައި މި ސިޔާސަތަށް ބަދަލު ގެންނެވި ކަމަށް ވެސް އިންޑިއާ ގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
ރާއްޖެއިން ފަހުން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒުއަށް މަޖުބޫރުވެވަޑައިގަތީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުންނެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ރޯލްއޯވާކޮށްދީ، 800 މިލިއަން ޑޮލަރުގެ އަގު ހުރި ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީފަ އެވެ.