ނ.މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ނ.ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެނަކަ ކޯޕްރޭޝަންއާ ހަވާލުކޮށް ވަނީ އެއްބަސްވުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް އަބްދުﷲ އެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު އާރިފެވެ.
450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ 10،900،000.93 ރުފިޔާއަށެވެ. މި މަސައްކަތުގެ ސްކޯޕުގައި 04 އެނދުގެ ވާޑެއް އިތުރުކުރެވި، ޕްރައިވެޓް ރޫމަކާއި، ނާސް ސްޓޭޝަން، މީޓިންގ ހޯލް، ޕަބްލިކް ހެލްތު ޔުނިޓް ހިމެނެއެވެ. މީގެ އިތުރުން، ޕޯޓިކޯ ގާއިމްކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މި ރަސްމިއްޔާތުގައި ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާއިލް ޝަރީފް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހުމަދު ސައުދީ އެވެ.
އައު ސިއްހީ މަރުކަޒުގެ އިމާރާތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަސް ތެރޭގައި ނިންމާ ގޮތަށް 27،635،152.40 ރުފިޔާއަށެވެ.
އާދިއްތަ ދުވަހުގެ ރޭ މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ހޯމަ ދުވަހު ވަނީ ނ.އަތޮޅަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. މިއީ އެމަނިކުފާނުގެ ދަތުރުފުޅާ ގުޅިގެން ކުރި ކަމެއް ކަމަށް ފާޑު ކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.