ލ. ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު، މިހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމްގެ ހަ ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަ ވިދާޅުވީ، ކެންސަރ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތް ނިމިފައިވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފަށާނޭ ކަމަށެވެ. ނަމަވެސް މަސައްކަތް ފައްޓާނެ ތާރީހެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.
ކެންސަރ ބައްޔަށް ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތްތަކައި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މިސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ މަސައްކަތެއް ކަމަށެވެ.
"ކަރުދާހުގެ ލެވެލްގައި މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެ ނިމިފައި މިހާރު އެއޮތީ، މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. އިރާދަކުރެއްވިއްޔާ އަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ."
ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް![]()
އަދި ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ އެ ބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމަޢު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޖުތަމަޢު ދުރުކުރުމަށް، ޖެނެރޭޝަން ބޭނެއް ތަޢާރަފުކޮށް، އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކޮށް، ސިނގިރޭޓުން ނަގައި އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިއްހީ ޚިދުމަތް ތަރައްގީކޮށް ލާމަރުކަޒުކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅެކެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި ގާއިމުކުރުމަށް ކުރިން ހަމަޖެހިފައިވާ 50 އެނދުގެ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީ އެ ވައުދުފުޅުގެ ދަށުން ކުރެވެމުންދިޔަ މަސައްކަތެކެވެ. ނަމަވެސް މިސަރުކާރު އައުމަށްފަހު ކެންސަރު ހޮސްޕިޓަލް މާލޭގައި އެޅުމަށް ނިންމާ ކުރީ ސަރުކާރުގެ ނިންމުން ބަދަލުކޮށްފައިވާއިރު، އޭރު ވަނީ އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުން ލ. ގަމަށް ވަޑައިގެން ހޮސްޕިޓަލް ގާއިމްކުރުމަށް ހުރަހެއް އޮތްތޯ ބެލުމަށް ފީސިބިލިޓީ ރިޕޯޓާއި ޑީޕީއާރު ރިޕޯޓް ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން ފާސްވެސްކޮށްފައެވެ. އަދި އެ ރިޕޯޓްތަކާއި އެކު އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ވެސް ހަމަޖައްސައިދީފައެވެ.
ކެންސަރު ހޮސްޕިޓަލް ބަދަލުކުރަން ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ސަރުކާރުން ބުނާއިރު އެ ހޮސްޕިޓަލް ގަމުގައި އެޅުމުގެ ބޭނުމުގައި ނިމިދިޔަ ސަރުކާރުން ވަނީ 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް 16 ޖުލައި 2023 ގައި އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
އަދި ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ހަވާލުކޮށްފައި އޮއްވާ އެ ހިދުމަތް ނުލިބޭކަމަށް ބުނެ ކެންސަރު ހޮސްޕިޓަލް ބަދަލުކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭކަން ހާމަވެއެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ސަރުކާރުން ފަށާފައިވާ އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ނުހުއްޓައި ރޭވިފައިވާ ގޮތަށް ކުރިއަށްގެންދާނެ ގޮތުގެ ވައުދާ އެކު ކަމަށްވާއިރު މިއީ ލ. ގަމުގައި ތަރައްގީއަށް ވަކިން ހާއްސަކޮށް ލ. އަތޮޅުގެ ކުރިއެރުމާ ނުހަނު ގުޅިފައިވާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމުން ގިނަ ބައެއްގެ ކަންބޮޑުވުން މިކަމުގައި ވަނީ ފާޅުކޮށްފައެވެ.
ލ. އަތޮޅު ކައުންސިލާއި ލ. ގަމު ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި މިފަދަ ނިންމުމެއް ސަރުކާރުން ނިންމުމަކީ ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އަދި ހިޔާލެއް ހޯދަން ސަރުކާރުން ބޭނުން ނުވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި، ހުރިހާ ކަމެއް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް މާލެއަށް ބަދަލުކުރުމަކީ އަތޮޅުތަކާއި ރަށްތަކުގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ނުދޭކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު އޭރުވެސް ބުނެފައިވެއެވެ.
މިފަދަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުވެގެން ދިއުމަކީ ގައިމުވެސް އެތައް ބަޔަކަށް އޭގެ މަންފާ ކުރާނެ ކަމެކެވެ.
އާ ސަރުކާރުން ވަނީ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކޮށް، ގަމުގައި ނަފުސާނީ ސިއްހަތުގެ ހޮސްޕޮޓަލް އަޅަން ނިންމައިފައެވެ.