Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2025 | ހުކުރު 23:36
 އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ): އެމްޑީޕީ ކަންމަތީ އެއްވުމުގައި  ވާހަކަދައްކަވަނީ
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ): އެމްޑީޕީ ކަންމަތީ އެއްވުމުގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީ ކަންމަތީ އެއްވުން
ބިގޭ ގައުމުގެ ޒުވާނުންނަށް: ގައުމު މިދާ ނުރައްކާތެރި މިސްރާބުން ސަލާމަތް ކުރުމަކީ ޒުވާނުންގެ ފަރުދީ ޒިންމާއެއް!
ނޮވެމްބަރު މަހުގެ 17 ގައި އޮންނަ ލުޓުވައިފީ ބޮޑު އެއްވުމަށް ހުރިހާ ރައްޔިތުން މާލެއަށް ޖަމާވުމަށް ގޮވާލެއްވި
މި ސަރުކާރުގެ ކަންކަން ބޮއްސުންލައި ގޮސްފައި ވާތީ ރައްޔިތުން މަގުމަތީ ހަރަކާތްތެރިވާން ޖެހިފައިވޭ
މި އަނިޔާވެރި ސަރުކާރުން އެގެންދަނީ މުޅިގައުމު އަޑިއަށް ގަންބާލައި، ނެތިކޮށްލަމުން

ގައުމުގެ މިއަދު ދަތުރުކުރަމުން މިދަނީ ވަރަށް ނުރައްކާތެރި، އަނދިރި މިސްރާބަކަށް ކަމަށާއި ގައުމު މި ހާލަތުން ސަލާމަތް ކުރުމަކީ މިއަދު ގައުމުގެ ޒުވާނުންގެ ފަރުދީ ޒިންމާއެއް ކަަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ބިގޭ މިފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެ އެވެ.

ބިގޭ އޭނާގެ ވާހަ ފެއްޓެވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ލުޓުވަައިފި" ބޮޑު އެއްވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުން މާލެއަށް ޖަމާވުމަށް ގޮވާލައްވަމުންނެވެ.

އެގޮތުން ބިގޭ ވިދާޅުވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އޮންނަ ބޮޑު އެއްވުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި އެންމެހާ ރައްޔިތުން މާލެއަރަން ޖެހޭ ކަމަށާއި މި ސަރުކާރުން މުޅި ގައުމު ލޫޓުވަމުން ދާދިއުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ބިގޭ ވިދާޅުވީ ކާބަފައިންގެ ޒަމާނުއްސުރެ ވެސް އެއިރެއްގައި އޮންނަ ސަރުކާރެއްގެ ކަންކަން ބޮއްސުންލައި ހައްދުން ނެއްޓިގެން ދިޔައީމަ އެކަންކަން ހައްލުކުރުމަށް ރައްޔިތުން މަގުމައްޗަށް ނުކުންނަ ކަމަށެވެ. އަދި ދުލާއި ގަލަމުގެ މިނިވަން ކަމަކީ ވެސް އެގޮތަށް މަގުމައްޗަށް ނުކުމެގެން، ގިނަ ބައެއްގެ ބުރަ މަސައްކަތުން ހޯދުނު މިނިވަން ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވީ މިއަދު މި އޮތް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމަކީ ވެސް އެފަދަ ނުބައި ޖައްބާރު ވެރިކަމެއް ކަމަށާއި މި ސަރުކާރުގެ ކަންކަން ވެސް މިހާރު މިއޮތީ ބޮއްސުންލާފައި ކަމަށެވެ. އެހެންކަމުން މިއަދު މި ސަރުކާރާއި ދެކޮޅަށް ވެސް ރައްޔިތުން މިއަދު ނުކުންނަން ޖެހޭ ކަމަށް ބިގޭ ވިދާޅުވި އެވެ.

އުމުުރުން ވަރަށް ޒުވާން އިރުގައި ގައުމުގައި އިސްލާހީ މަސައްކަތުގައި ބައިވެރިވެ ގިނަ ހަރަކާތްތަކެއް ހިންގާފައިވާކަން ފާހަގަކުރައްވަމުން ބިގޭ ވިދާޅުވީ މިއަދު މި ގައުމު އިސްލާހުކުރުމަށް ގައުމުގެ ޒުވާނުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ގައުމުގެ އިސްލާހީ ހަރަކާތުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ލިބޭނޭ ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަހުމެއް ކަމަށް ވެސް އޭނާ ވިދާޅުވީ އެވެ.

މިރޭ އަޅުގަނޑު މިތަނަށް އައިސް ހުރިއިރު އެންމެ އުފާވި ކަމަކީ އަޅުގަނޑުގެ އުމުރުން އެންމެ 18 އަހަރުގައި އިލާހީ މަސައްކަތުގައި ނުކުތް ފަދައިން މިއަދު ޒުވާން އަންހެން ބޭފުލަކު މިތަނުގައި ޒުވާން އަންހެންބޭފުޅަކު އިނުން. އެ ބޭފުޅާ މިތަނަށް އައިސް އެ ދެއްކި ވާހަކަ އަކީ އަޅުގަނޑަށް އެންމެ ހިތްހަމަ ޖެހުނު ދުވަސް. އެންމެ އުފާވެރިކަން ލިބުނު އެއްދުވަސް. ޒުވާން ކުދިން، އެކުދިންގެ ހިތްވަރުން އެހެރަ މަސައްކަތް ކުރަނީ.

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އެ ޖަލްސާގައި ވާހަކަދެއްކެވި ޒުވާން ކަނބަލަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ބިގޭ ވަނީ ގައުމު އިސްލާހު ކުރުމުގައި ކެރިގެން ނުކުމެ ތިބި ޒުވާނުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ވާހަކަދައްކަވާފަ އެވެ.

ގައުމުގެ ޒުވާނުންނަށް ހިތްވަރު ދެއްވައި ބިގޭ ވިދާޅުވީ މިއަދު މި ގައުމު މިދާ ނުރައްކާތެރި މިސްރާބުން ގައުމުގެ ސަލާމަތް ކުރުމަކީ ޒުވާނުންގެ ފަރުދީ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމަށް ޒުވާނުން އިސް ނުނަގައިފި ނަމަ އަންނަން އޮތް ޖީލުތަކަށް ގައުމު ނުލިބޭނޭ ކަމަށެވެ.

ބިގޭ ވިދާޅުވީ މިއަދު މި އޮތް އަނިޔާވެރި ސަރުކާރުން އެގެންދަނީ މުޅިގައުމު އަޑިއަށް ގަންބާލައި ގައުމުގެ ނެތިކޮށްލަމުން ކަމަށެވެ. އެހެން ކަމުން ގައުމު ސަލާމަތް ކުރުމުމަކީ މިއަދު ގައުމުގެ ޒުވާނުންނާއި އެންމެހައި ރައްޔިތުންގެ ފަރުދީ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް