އއ.މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ އޮޓޮޕްސީ ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު 21 ޖުލައި 2025 ވަނަ ދުވަހު އިންޑިއާގެ ތްރިވަނަންތަޕޫރަމް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
65 އަހަރުގެ އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާ، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ ޖުލައި މަހުގެ 13 ގައެވެ. އަދި މި ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފުލުހުން ބުނެއެވެ.
12 ޖުލައި 2025 ވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ އަބްދުއްރަހުމާނަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެރޭގެ ފަތިހު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ އޮތީ ޗަސްކޮށްލާފައެވެ.
މި ހާދިސާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، އއ. މާޅޮސް ކައިރި ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފައެވެ. އަދި މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ އެ ރަށަށް އަރައިފައިބާ މީހުން މޮނީޓާ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ. ނަމަވެސް ބައެއް މީހުންނާ ސުވާލުކޮށް މައުލޫމާތު ނަގަމުންދާ ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.