Advertisement
ކ. މާލެ
|
21 އޯގަސްޓް 2025 | ބުރާސްފަތި 09:48
މާޅޮހު މަރުގެ ހާދިސާގައި ނިޔާވި އަބްދުއްރަހުމާން އާދަމްގެ ޖަނާޒާގެ ތެރެއިން
މާޅޮހު މަރުގެ ހާދިސާގައި ނިޔާވި އަބްދުއްރަހުމާން އާދަމްގެ ޖަނާޒާގެ ތެރެއިން
ޕީއެސްއެމް
އަބްދުއްރަހްމާން އާދަމް
މާޅޮހު މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި
އއ. މާޅޮހުން ފެނުނު 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި
ތުހުމަތުކުރެވޭ 3 މީހުންގެ ގެ ބަލައި ފާސްކޮށް އެކެއްގެ އަންނައުނު ފުލުހުން ގެންގޮސްފި

މިދިޔަ ޖުލައު މަހުގެ 12 ވަނަ ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ އއ. މާޅޮހުން ފެނުނު، އަބްދުއްރަހުމާން އާދަަމް (65)ގެ މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލާގައި ފުލުހުން މިއަދު ބުނީ ޢަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި މިކަމުގެ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުން މި މައްސަލާގައި ތުހުމަތު ކުރެވޭ 3 މީހެއްގެ ގެ މި މަހު ކުރީކޮޅު ބަލާ ފާސްކޮށް އެކެއްގެ އަންނައުނު ވެސް ފުލުހުން ގެންގޮސްފައިވެއެވެ. އަދި ފުލުހުން ހައްޔަރުކޮށްފައި ވަނީވެސް މި 3 މީހުންނެވެ. އަބްދުއްރަހުމާނު މަރާލާފައި އޮއްވާ ފެނުނުރޭ ގެ ދަންވަރު ރަށުތެރޭގައި ހޭލާ އުޅުނުކަމަށް ވެއެވެ.

އަބްދުއްރަހުމާނަށް ހަމަލަދީފައި އޮތް ގޭގެ ކައިރީގައި ފުލުހުންގެ ފޮރެންސިކް ޓީމު މިދިޔަ މަހު ހަރަކާތްތެރިވަނީ

އަބްދުއްރަހްމާނަށް ފަރުވާދޭން މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ.

އަބްދުއްރަހުމާނަށް ހަމަލާ ދީފައިވަނީ ގޭގައި ނިދާފަ އޮއްވައެވެ. އަބްދުއްރަހުމާނަށް ހަމަލަދިން ރޭ އެ ދެމަފިރިން ނިދީ ދެ ކޮޓަރީގަ އެވެ. އަދި އަބްދުއްރަހުމާނުގެ ދެމަފިރިންގެ ތިން ފިރިހެންކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ހަމައެކަނި ދަރިފުޅުވެސް އެ ދުވަސްވަރު ހުރީ މާލޭގަ އެވެ. އެހެންވެ، ހަމަލާ އައި ވަގުތު އެ ގޭގައި އުޅުނީ އަބްދުއްރަހުމާންގެ ދެމަފިރިން އެކަންޏެވެ.

އަބްދުއްރަހްމާންގެ އޮޓޮޕްސީ ވެސް ވަނީ ހަދާފައެވެ. ފުލުހުން ބުނީ، އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކަނީ އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު އަނިޔާއަކުން ކަމަށް ކަމަށެވެ.

- ކޮމެންޓް