އއ. މާޅޮހުގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު އަބްްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
12 ޖުލައި 2025 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އެރޭ ފަތިހު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ އޮތީ ޗަސްކޮށްލާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް / ލިލީފެހި، މުހައްމަދު ވިސާމް (22އ)، އއ. މާޅޮސް / ފިނިވާނެ، އަހުމަދު ފާރިސް (27އ) އަދި އއ. މާޅޮސް / ފިޔަ އަހުމަދު އާޝިދު (27އ) އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ނިންމީ މުހައްމަދު ވިސާމް އަދި އަހުމަދު ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. އަދި އޯގަސްޓް މަހުގެ 22 ވަނަ ދުވަހު އަހުމަދު އާޝިދު ބަންދަށް 5 ދުވަސް ވަނީ ޖަހާފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން ބުރާސްފަތި ދުވަހު ފުލުހުން ބުނީ އަބްދުއްރަހްމާން މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އާޝިދު އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އޯގަސްޓް މަހުގެ 10 ވަނަ ދުވަހު 5 މީހެއްގެ ފޯނާއި އަންނައުނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.