އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި މަސައްކަތް ކުރައްވާ، ޓްރަމްޕާ ގާތް ގުޅުން އޮންނަ މީހުންގެ އީމެއިލްތަކެއް ލީކު ކޮށްލާނެ ކަމުގެ އިންޒާރު އީރާންގެ ހެކަރުން ދީފި އެވެ.
ޓްރަމްޕް އަށް އަމާޒުވާ ގޮތަށް އީރާންގެ ހެކަރުން މިފަދަ އިންޒާރެއް ދީފައިވާއިރު، 2024 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސް ވަރު ވެސް ވަނީ އެ ފަދަ އީމެއިލްތަކެއް ލީކު ކޮށްލައިފަ އެވެ.
ރޮއިޓާސް އާއެކު އާދިއްތަ ދުވަހާއި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އޮންލައިން މުއާމަލާތުގެ ތެރޭގައި ހެކަރުން ބުނެފައި ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ އިތުރުން، ޓްރަމްޕްގެ ޤާނޫނީ ވަކީލު ލިންޑްސޭ ހެލިގަން އަދި އެހެނިހެން އިސް ފަރާތްތައް ހިމެނޭ ގޮތުން، ގާތް ގަނޑަކަށް 100 ގިގަބައިޓްގެ އީމެއިލް އެމީހުންގެ އަތުގައި ހުރި ކަމަށެވެ.
އެކަމާ ގުޅިގެން އެމެރިކާގެ އެޓާނީ ޖެނަރަލް ޕެމް ބޮންޑީ އެކަން ސިފަ ކުރައްވާފައި ވަނީ، ބަލައި ނުގަނެވޭނެ ސައިބާ ހަމަލާއެއްގެ ގޮތުގައި އެވެ. މީގެ އިތުރުން އެފްބީއައިގެ ޑިރެކްޓަރު ކަޝް ޕެޓަލް ވިދާޅުވެފައި ވަނީ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ އަމަލެއްގައި ބައިވެރިވާ ފަރާތްތަކާ މެދު ފުރިހަމަ އަށް ތަހުގީގު ހިންގައި، ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މީގެ ކުރިން ލީކު ކޮށްފައިވާ އީމެއިލް ތަކުގައި ޓްރަމްޕް އާއި އެމެރިކާގެ ކުރީގެ ރައީސް ރޮބާޓް އެފް ކެނެޑީ ޖޫނިއާގެ ވަކީލުންނާ ދެމެދު ހިނގާފައިވާ މުއާމަލާތްތައް ވެސް ހިމެނެ އެވެ. އެހެން ނަމަވެސް، އެ ފަހަރު ލީީކު ކުރި އީމެއިލް ސަބަބުން ޓްރަމްޕްގެ ރިޔާސީ ކެމްޕެއިން އަށް އަދި އިންތިޚާބަށް މާ ބޮޑު އަސަރެއް ކޮށްފައި ނުވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
އިސްރާއީލް އާއި އެމެރިކާ އިން މި ފަހުން އީރާނަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން، އީރާންގެ ހެކަރުން ވަނީ އަލުން ޙަރަކާތްތެރިވާން ފަށައިފަ އެވެ.