ކ. މާލެ
|
29 ޖޫން 2025 | އާދީއްތަ 12:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
އެމެރިކާ-އިސްރާއީލް
ނަތަންޔާހޫގެ މައްސަލަ އަށް އެމެރިކާ އިން ތަދައްޚުލު ވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ޓްރަމްޕް ވަނީ އެއްވެސް ކަހަލަ މައްސަލަަ އަކަށް ނުވާ، އަދި ކުދި ކުދިން ކަންކަމުގައި އިސްރާއީލްގެ ބޮޑުވަޒީރު މުޅި ދުވަސް ކޯޓު ރޫމުގެ ތެރޭހައި ހޭދަ ކުރަން މަޖުބޫރު ވަނީ ކިހިނަކުންތޯ ސުވާލު ވެސް އުފައްދަވައިފައި.

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔޫހާއާ ދެކޮޅަށް ކުރިއަށް ގެންދާ ދައުވާތަކުގައި، އެ މައްސަލަ އަށް އެމެރިކާ އިން ތަދައްޚުލު ވާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ޓްރަމްޕް ވަނީ، ނަތަންޔާހޫއާ ދެކޮޅަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތާ މެދު ވެސް ކަންބޮޑުވުން އޮތް ކަމަށް ވިދާޅުވެފަ އެވެ. 

ނަތަންޔާހޫގެ ދިފާއުގައި މީގެ ކުރިން ވެސް ވާހަކަ ދައްކަވާފައިވާ ޓްރަމްޕް ވިދާޅުވީ، އެހެން ޤައުމުތަކާ ޚިލާފަށް އެމެރިކާ އިން އަންނަނީ އިސްރާއީލަށް ބިލިއަން ޑޮލަރުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެކަން ކަން ކުރިއަށްދާއިރު، ނަތަންޔާހޫއާ ދެކޮޅަށް އެ މައްސަލަތައް ކުރިއަށް ގެންދިޔުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫއާ ދެކޮޅަށް ކުރަމުން އަންނަ ކަންތައްތަކީ ވަރަށް ބިރުވެރި ކަންތަކެއް ކަމަށެވެ. ނަތަންޔާހޫ އަކީ ހަނގުރާމައިގެ ހީރޯއެއް ކަމަށާއި، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އިން ކުރިމަތިވެފައިވާ ނުރައްކާތެރިކަން ނައްތާލުމަށް އެމެރިކާއާ ގުޅިގެން އިސްރާއީލް އިން ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަށްޓަކައި، މިހާރު ވެސް ނަތަންޔާހޫ އަންނަނީ ހަމާސް ޖަމާއަތާ އެކު މަޝްވަރާ ކުރުންތައް ކުރިއަށް ގެންދަމުން ކަމަށް ވެސް އެ ޕޯސްޓުގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި މިހާރު ނަތަންޔާހޫއާ ދެކޮޅަށް ހިންގާ ކަންތައްތަކަކީ ސިޔާސީ ބޭނުމެއްގައި ކުރިއަށް ގެންދާ ކަންތައްތަކެކެވެ. އެގޮތުން ޓްރަމްޕް ވަނީ އެއްވެސް ކަހަލަ މައްސަލަަ އަކަށް ނުވާ، އަދި ކުދި ކުދިން ކަންކަމުގައި އިސްރާއީލްގެ ބޮޑުވަޒީރު މުޅި ދުވަސް ކޯޓު ރޫމުގެ ތެރޭހައި ހޭދަ ކުރަން މަޖުބޫރު ވަނީ ކިހިނަކުންތޯ ސުވާލު ވެސް އުފައްދަވައިފަ އެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވީ "އިންސާފަށް" މިހާރު ކުރަމުން އަންނަ ފުރައްސާރަ އާއި، އިންސާފަށް އަޅަމުން އަންނަ ހުރަސްތަކުގެ ސަބަބުން، އީރާނާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކާއި، ހަމާސް ޖަމާއަތާ އެކު ކުރިއަށް ގެންދާ މަޝްވަރާ ތަކަށް ވެސް ހުރަސް އެޅޭނެ ކަމަށެވެ. 

ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ވަނީ ރިޝްވަތާއި، މަކަރާއި ހީލަތް އަދި އޮޅުވާލުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އެ މައްސަލަ ތަަކުގެ ޝަރީއަތް 2020 ވަނަ އަހަރުގެ ތެރޭގައި ފެށުނު ނަމަވެސް، ނަތަންޔާހޫ ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ.  ޖޫން މަހުގެ ތިން ވަނަ ދުވަހު، ނަތަންޔާހޫގެ ކްރޮސް އެގްޒެމިނޭޝަން ތެލް އަވީވްގެ ކޯޓުގައި ފަށާފައިވާއިރު، މީޑިއާ ތަކުން ބުނެފައި ވަނީ އެކަމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. 

މައްސަލަ ކުރިއަށް ދަނިކޮށް ނަތަންޔާހޫގެ ޤާނޫނީ ވަކީލުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސްކޮށްދިނުމަށް ވެސް އެދިފަ އެވެ. އެއީ އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން، މިވަގުތު ސަލާމަތީ މައްސަލަ ތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ފާހަގަކޮށެވެ. ނަމަވެސް، ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސް ކުރަން ޖެހޭ ތަނެއް ނެތް ކަމަށް ނިންމައިފަ އެވެ. 

ދާދި ފަހުން ޓްރަމްޕް ވަނީ ނަތަންޔާހޫއާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ބާތިލު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. އެކަމާ ގުޅިގެން އިސްރާއީލްގެ ރައީސް އައިސާކް ހާޒޮގް ވިދާޅުވެފައި ވަނީ، މިވަގުތު ނަތަންޔާހޫ އަށް މައާފް ދިނުމުގެ މައްސަލައެއް ނެތް ކަމަށާއި، އެފަދަ އެދުމެއް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ. ނަތަންޔާހޫ އަސް މައާފު ދިނުމުގެ ފުރިހަމަ އިޚްތިޔާރު އިސްރާއީލްގެ ރައީސް އަށް އޮންނާނެ އެވެ.

- ކޮމެންޓް