އެމެރިކާ އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަހަރުތަކެއް ފަހަތަށް ދާނެ ކަމަށް، އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުގައި ބުނެފި އެވެ.
އެމެރިކާގެ އިންޓެލިޖެންސްގެ އިސްވެރިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ އިން އީރާނަށް ދިން ހަމަލާގެ ސަބަބުން އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި އެ ގެއްލުންތަކުގެ ސަބަބުން، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ވަނީ އަހަރުތަކެއް ފަހަތަށް ސޮއްސާލައިފަ އެވެ.
ސީއައިއޭގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސްގެ މި ބަޔާން އައިސްފައި ވަނީ، ކުރިން ލީކުވެފައިވާ އިންޓެލިޖެންސް ރިޕޯޓުގައި އެމެރިކާގެ ހަމަލާތައް ކާމިޔާބު ނުވާ ކަމަށް ދައްކާފައި ވަނިކޮށެވެ. އަދި ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ އެ ރިޕޯޓު އެ ގޮތަށް ލީކު ކޮށްފައި ވަނީ އަލުން ހަނގުރާމަ އަކަށް ހުޅުވާލުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ.
އެހެން ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަަކަތަކުން މި ފަހުން ފާހަގަ ވެފައި ވަނީ އިތުރު ހަނގުރާމަ އަކަށް އޭނާ ތައްޔާރު ނޫން ކަމެވެ. އަދި އީރާނާ އެކު ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަން ވެސް ޓްރަމްޕް މާ ބޮޑު ޝައުޤުވެރިކަމެއް ނުދައްކަވަ އެވެ. ސަބަބަކީ ޓްރަމްޕް ޤަބޫލު ކުރައްވާ ގޮތުގައި، އެމެރިކާގެ ހަމަލާގެ ސަބަބުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ވަނީ އެއްކޮށް ފުނޑު ފުނޑުވެފަ އެވެ.
އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގެ ސަބަބުން، އެމެރިކާ އާއި އީރާންގެ މަޝްވަރާ ބައްދަލުވުމުގެ ހަ ވަނަ ބުރު ކެންސަލް ކޮށްފައި ވީ ނަމަވެސް، އަލުން އަންނަ ހަފުތާގެ ތެރޭގައި ބައްދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅިގެން ޓްރަމްޕްގެ ފަރާތުން މެދު އިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވީ، އެމެރިކާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
އެގޮތުން އީރާނަށް އެއްވެސް މިންވަރަކަށް ޔުރޭނިއަމް ފައްކާ ނުކުރެވޭނެ ކަމަށާއި، އެކަމާ އެމެރިކާ އިން އެއްބަސް ނުވާނެ ކަމަށް ވިކްޓޮފް ވަނީ ވިދާޅުވެފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އެމެރިކާ އިން އެހާ ބޮޑަށް އެކަމަށް ބާރު އަޅަނީ، އިސްރާއީލް އިން އެކަމަށް ޝަރުތު ކޮށްފައި ވާތީ އެވެ.