އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް ބާތިލު ކުރުމަށާއި، އޭނާއާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރީއަތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެފައި ވަނިކޮށް، ނަތަންޔާހޫއާ ދެކޮޅަށް ކުރާ ދައުވާގެ އަޑު އެހުންތައް ކެންސަލް ކޮށްފި އެވެ.
ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ވަނީ ރިޝްވަތާއި، މަކަރާއި ހީލަތް އަދި އޮޅުވާލުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އެ މައްސަލަ ތަަކުގެ ޝަރީއަތް 2020 ވަނަ އަހަރުގެ ތެރޭގައި ފެށުނު ނަމަވެސް، ނަތަންޔާހޫ ވަނީ އެ ތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ. ޖޫން މަހުގެ ތިން ވަނަ ދުވަހު، ނަތަންޔާހޫގެ ކްރޮސް އެގްޒެމިނޭޝަން ތެލް އަވީވްގެ ކޯޓުގައި ފަށާފައިވާއިރު، މީޑިއާ ތަކުން ބުނެފައި ވަނީ އެކަމަށް އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.
މައްސަލަ ކުރިއަށް ދަނިކޮށް ނަތަންޔާހޫގެ ޤާނޫނީ ވަކީލުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސްކޮށްދިނުމަށް ވެސް އެދިފަ އެވެ. އެއީ އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން، މިވަގުތު ސަލާމަތީ މައްސަލަ ތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ފާހަގަކޮށެވެ. ނަމަވެސް، ކޯޓުން ވަނީ އެ މައްސަލައިގެ އަޑު އެހުންތައް ފަސް ކުރަން ޖެހޭ ތަނެއް ނެތް ކަމަށް ނިންމައިފަ އެވެ.
އޭގެ ފަހުން ޓްރަމްޕް ވަނީ އެ މައްސަލަ އަށް އެމެރިކާ އިން ތަދައްޚުލު ވާނެ ކަމަށާއި، ނަތަންޔާހޫއާ ދެކޮޅަށް ކުރިއަށް ގެންދަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ދުވާލުގެ ގިނަ ވަގުތު ނަތަންޔާހޫ ކޯޓު ރޫމުގައި އިންނަން ޖެހޭތީ، ޓްރަމްޕް ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
ޓްރަމްޕް އެހެން ގޮވާލައްވާފައި ވަނިކޮށް، ކޯޓުން ވަނީ އާދީއްތަ ދުވަހަށް ތާވަލު ކޮށްފައި އޮތް ހެކި ނެގުމުގެ އަޑު އެހުން ފަސްކޮށްފަ އެވެ. ޖެރޫސަލަމްގެ ޑިސްޓްރިކްޓް ކޯޓުން ބުނެފައި ވަނީ، މި ހަފުތާގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަޑު އެހުންޔައް މިވަގުތަށް ކެންސަލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ނަތަންޔާހޫއާ ދެކޮޅަށް ކޮށްފައިވާ ދަައުވާާގައި ހިމެނެނީ ސިޔާސީ މަސްލަހަތަށްޓަކައި މުއްސަނދިންގެ އަތުން 260،000 އެމެރިކާ ޑޮލަަރަށް ވުރެ އަގު ހުރި ތަކެތި ބަލައި ގަތުމާއި، އަދިވެސް އެހެނިހެން ތުހުމަތުތަކެވެ. އޭގެ ތެރޭގައި އަމިއްލަ މަސްލަހަތު ކުރިއެރުވުމަށްޓަކައި ނުފޫޒު ބޭނުން ކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.