ކ. މާލެ
|
18 ޖޫން 2025 | ބުދަ 17:22
ރަޝިޔާ އާއި އެމެރިކާގެ ދިދަ ފާރެއްގައި ކުލަޖައްސާފައި
ރަޝިޔާ އާއި އެމެރިކާގެ ދިދަ ފާރެއްގައި ކުލަޖައްސާފައި
ޝަޓާ ސްޓޮކް
އިސްރާއީލް-އީރާން ހަނގުރާމަ
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސަރގޭ ރިޔަބްކޮވް ބުދަ ދުވަހު އިންޒާރު ދެއްވާފައިވަނީ، އެމެރިކާ އިން އިސްރާއީލަށް ސީދާ އަސްކަރީ އެހީތެރިކަން ދިނުމުން މެދުއިރުމަތީގެ ހާލަތު ވަރަށް ބޮޑަށް ހަލަބޮލިވެދާނެ ކަމަށެ

އީރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް ގޮވާލާ އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފިއެވެ.

ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސަރގޭ ރިޔަބްކޮވް ބުދަ ދުވަހު އިންޒާރު ދެއްވާފައިވަނީ، އެމެރިކާ އިން އިސްރާއީލަށް ސީދާ އަސްކަރީ އެހީތެރިކަން ދިނުމުން މެދުއިރުމަތީގެ ހާލަތު ވަރަށް ބޮޑަށް ހަލަބޮލިވެދާނެ ކަމަށެވެ.

އިރާނާއި އިސްރާއީލާ ދެމެދު ވައިގެ މަގުން ފެށި ހަނގުރާމަ އަށް މިހާރު ވަނީ ހަ ދުވަސް ވެފައެވެ.

އެހެން ބަޔާނެއްގައި، ރަޝިޔާގެ އެސްވީއާރު ބޭރުގެ އިންޓެލިޖެންސް ސަރވިސްގެ އިސްވެރިޔާ ސަރގޭ ނަރިޝްކިން ވިދާޅުވެފައިވަނީ އިރާނާއި އިސްރާއީލާ ދެމެދު މިހާރު އޮތް ހާލަތު ވަނީ ނުރައްކާތެރި ހިސާބެއްގައި ކަމަށެވެ.

ރަޝިޔާގެ އިންޓަރފެކްސް ނިއުސް އޭޖެންސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރިޔަބްކޮވް އިންޒާރު ދެއްވާފައިވަނީ، އެމެރިކާ އިން އިސްރާއީލަށް ސީދާ އަސްކަރީ އެހީތެރިކަން ދިނުމާ ނުވަތަ އެފަދަ ވިސްނުމެއް ގެންގުޅުމާ މެދުގައެވެ.

"މިއީ މުޅި ހާލަތު ވަރަށް ބޮޑަށް ހަލަބޮލިކޮށްލާނެ ފިޔަވަޅެކެވެ،" އޭނާ ވިދާޅުވިކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މީގެ ކުރިން، އެމެރިކާގެ އެތެރޭގައި މިކަމާ ބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކާ ގުޅޭ މަޢުލޫމާތު ލިބިފައިވާ މަސްދަރެއް ބުނެފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ޓީމުން އެތައް އޮޕްޝަނެއްގެ މައްޗަށް ވިސްނަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އިރާނުގެ ނިއުކްލިއަރ ސައިޓްތަކަށް އިސްރާއީލާ ބައިވެރިވެގެން ހަމަލާތައް ދިނުން ހިމެނެއެވެ.

އަންގާރަ ދުވަހު، ޓްރަމްޕް ސޯޝަލް މީޑިއާގައި އިރާނުގެ ސުޕްރީމް ލީޑަރ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފައިވެއެވެ. އޭނާ ފިއްލަވައި ހުންނެވި ތަން އެނގޭ ކަމަށާއި ނަމަވެސް "އަޅުގަނޑުމެން އޭނާ އަވަހާރަ ކޮށެއް ނުލާނަމެވެ! މިވަގުތަކު ނޫނެވެ."

އިސްރާއީލުން ހުކުރު ދުވަހު އިރާނުގެ ނިއުކްލިއަރ ސައިޓްތަކަށާއި، ސައިންޓިސްޓުންނަށާއި އަދި އެންމެ އިސް އަސްކަރީ ވެރިންނަށް އަމާޒު ކޮށް ނުރައްކާތެރި ހަމަލާ ތަކެއް ދިނުމާ ގުޅިގެން އީރާނުން ވެސް ވަނީ އިސްރާއީލަށް މިސައިލް ހަމަލާތައް ދޭން ފަށާފައެވެ.

- ކޮމެންޓް