އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓް ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ މީޑިއާ ތަކުގައި ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި، މި ހަފުތާގެ ތެރޭގައި އަރާގްޗީ އާއި، ބަރޮޓް ބައްދަލު ކުރައްވާނެ އެވެ.
މި ބައްދަލުވުން ބާއްވަން މަސައްކަތް ކުރަމުން އަންނައިރު، މި ދަނޑިވަޅަކީ ބައިނަލްއަޤުވާމީ މުޖުތަމައުން އީރާންއާ ދެކޮޅަށް ފިޔަވަޅު ތަކެއް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ވަގުތެއް ކަމަށް ފާހަގަ ވެއެވެ. ދުނިޔޭގެ ގިނަ ޤައުމު ތަކަކުން އީރާން އަށް މިހާރު ގޮވާލަމުން އަންނަނީ އދ ގެ ނިއުކްލިއާ ކަންތަކާ ބެހޭ އިދާރާ އަށް އެއްބާރުލުން ދީ، އެ އިދާރާގެ އިންސްޕެކްޓަރުންނަށް އެ ޤައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ވަނުމުގެ ފުރުސަތު ދިނުމަށެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީ އިން ބުނީ، އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ބުދަ ދުވަހު އެ ޤައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ފްރާންސްގެ ބޮޑު ވަޒީރު ބަރޮޓް އާ ބައްދަލު ކުރައްވައި، ގިނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ބައްދަލުވުމަކީ، އީރާން އާއި އައި.އޭ.އީ.އޭ އާ ގުޅިގެން އަލުން މަސައްކަތް ކުރުމަށް ހުޅުވިގެން ދާނެ ފުރުސަތެއްގެ ގޮތުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގިނަ ޤައުމު ތަކަކުން ތުހުމަތު ކޮށްފައިވާއިރު، އީރާން އިން އަންނަނީ ކެނޑިނޭޅި އެކަން ދޮގު ކުރަމުންނެވެ. އީރާން އިން ބުނަމުން އަންނަނީ، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަކީ ސުލްޙަވެރި ބޭނުން ތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އިސްރާއީލް އިން އިސްވެ އީރާން އަށް ހަމަލާ ދިނުމާ ގުޅިގެން، ދެ ޤައުމުގެ ދެ މެދުގައި ވަނީ 12 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގޮސްފަ އެވެ. އެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ އިން ވެސް ވަދެފައިވާއިރު، އެމެރިކާ އިން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފަ އެވެ. އެ ހަނގުރާމައިގެ ސަބަބުން، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދަމުން އައި ނިއުކްލިއާ މަޝްވަރާތައް ވެސް ވަނީ މެދު ކެނޑިފަ އެވެ.
ފްރާންސް އަށް ވަޑައިގެންނެވުމުގެ ކުރިން ހުކުރު ދުވަހު އަރާގްޗީ ވިދާޅުވެފައި ވަނީ، އީރާންގެ ނިއުކްލިއާ ތަންތަން ބެލުމުގައި އައު އުސޫލެެއްް ގެންގުޅެން ޖެހޭ ކަމަށެވެ.