ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކުމަށް އެއްބަސްވުމަކީ ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނު އަށް ލިބޭ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށް ބެލެއެވެ. ޓްރަމްޕް އެކަމަށް ތާއީދު ކުރައްވާ އެއް ސަބަބަކީ އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމަށް ސައުދީ އަރަބިއްޔާ އަށް ހިތްވަރު ދިނުމެވެ.
"އަޅުގަނޑު ދަންނަވާނީ އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކާނަން،" ވައިޓް ހައުސްގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވި އެވެ. އެފް-35 ވިއްކުމާއި ގުޅޭގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ.
ޓްރަމްޕު މިފަދައިން ވިދާޅުވުމަކީ ފައިޓަރ ޖެޓްތައް ހޯދުމަށް ކުރަންޖެހޭ ދިގު އިންތިޒާރު ކުރުވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ. ނަމަވެސް ސްޓެލްތު ފައިޓަރ ޖެޓްތައް ސައުދީ އަށް ފޯރުކޮށްދޭނީ ކޮން އިރަކު ކަމެއް ޔަގީނެއް ނޫނެވެ. މީގެ ކުރިން ޓްރަމްޕުގެ ފުރަތަމަ ދައުރުގެ ފަހުކޮޅު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ބޯޓު ވިއްކަން ހެދި އެއްބަސްވުމުގެ ދަށުން އަދިވެސް ޖެޓްތައް އެގައުމަށް ނުލިބެ އެވެ.
އެފް-35 މަރުކާގެ މަތިންދާބޯޓުތަކަކީ ދުނިޔޭގެ އެންމެ ޒަމާނީ ހަތިޔާރު އުފައްދާ ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ މަތިންދާބޯޓެކެވެ. ސައޫދީން އެ ހަތިޔާރު ބޭނުންވެގެން އުޅޭތާ އެތައް ޒަމާނެއް ވެފައިވާ ކަމަށް މަޝްވަރާތަކާ ބެހޭ މައުލޫމާތު އެނގޭ އޮފިޝަލުން ބުނެ އެވެ. ކޮންމެ މަތިންދާބޯޓެއްގެ އަގު 100 މިލިއަން ޑޮލަރަށް އަރަ އެވެ. ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން މަތިންދާބޯޓުތައް އުފައްދާ ލޮކްހީޑް މާޓިން ކޯޕަރޭޝަންގެ ހިއްސާގެ އަގު ވަނީ 1.1 ޕަސެންޓަށް އުފުލިފަ އެވެ.
ޖެޓްތަކުގެ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ވެސް މި ޑީލް ކޮމްޕްލިކޭޓް ވާނެ އެވެ. މެދުއިރުމަތީގެ ހަމައެކަނި ފައިޓާ ޖެޓް އޮންނަ އިޒްރޭލުގެ މޮނޮޕޮލީ ހިމާޔަތް ކުރުމަށް އިޒްރޭލުން ބޭނުންވި ނަމަވެސް، ޓްރަމްޕް ވަނީ ހުއްދަ ދޭން ނިންމައިފަ އެވެ. އެމެރިކާގެ ގާނޫނުގައިވާ ގޮތުން އަރަބި ގައުމުތަކުގެ މައްޗަށް އަސްކަރީ ބާރު ދެމެހެއްޓުމަށް ބޭނުންވާ ހަތިޔާރު އިޒްރޭލަށް ލިބުން ކަށަވަރު ކުރެވެ އެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އެފް-35 މަރުކާގެ މަތިންދާބޯޓު ސައުދީ އަރަބިއްޔާ އަށް ވިއްކި ނަމަވެސް އެ ޔަގީންކަން ދެވިދާނެ ކަމަށެވެ.