ކ. މާލެ
|
11 ޖޫން 2025 | ބުދަ 20:45
އީރާނުގެ ބިމާއި، ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންނާއި، ޚާއްޞަ ބާރުތަކުގެ ސިފައިން ފާހަގަ ކުރާ ޤައުމީ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހިނގާލަނީ - އޭޕްރީލް 18، 2025
އީރާނުގެ ބިމާއި، ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންނާއި، ޚާއްޞަ ބާރުތަކުގެ ސިފައިން ފާހަގަ ކުރާ ޤައުމީ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހިނގާލަނީ - އޭޕްރީލް 18، 2025
ގެޓީއިމޭޖަސް
އެމެރިކާ-އީރާން ގުޅުން
އީރާނަށް ހަމަލާ ދީފި ނަމަ އެމެރިކާގެ އަސްކަރީ ބޭސްތައް ހުރި ގައުމުތަކަށް ހަމަލާދޭނަން: އީރާންގެ ދިފާއީ ވަޒީރު
މަޝްވަރާތައް ފެއިލްވެ ހަނގުރާމައެއް ފެށިއްޖެނަމަ އެމެރިކާގެ އަސްކަރީ ބޭސްތައް ހުރި ގައުމުތަކަށް ހަމަލާދޭން ޖެހިލުމެއް ނުވާނެ ކަމަށް އީރާނުން ބުނެއެވެ.

އީރާނަށް ހަމަލާ ދީފި ނަމަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާންގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެއެވެ.

އީރާނުގެ ދިފާއީ ވަޒީރު އަޒީޒް ނަސީރްޒާދާ ބުދަ ދުވަހު ވިދާޅުވެފައިވަނީ ނިއުކްލިއާ މަޝްވަރާތައް ނާކާމިޔާބުވެ، އެމެރިކާއާއެކު ހަނގުރާމައެއް ފެށިއްޖެނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށެވެ. މި ބަޔާން އައިސްފައިވަނީ އީރާނާއި އެމެރިކާގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަވަނަ ބުރުގެ ނިއުކްލިއާ މަޝްވަރާތަކުގެ ކުރިންނެވެ.

ބުދަ ދުވަހު ބޭއްވުނު ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީރްޒާދާ ވިދާޅުވީ "އަނެއް ފަރާތުގެ ބައެއް އިސްވެރިން މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ ހަނގުރާމައިގެ އިންޒާރުދޭ. އަހަރުމެންނާ ދެކޮޅަށް ހަނގުރާމައެއް ފެށިއްޖެނަމަ... އެމެރިކާގެ ހުރިހާ މަރުކަޒުތަކެއް ވެސް އަހަރުމެންގެ ވިސްނުމުގެ ތެރޭގައި ހިމެނޭ އަދި އެ މަރުކަޒުތައް ހުރި ގައުމުތަކަށް ހަމަލާދޭން ޖެހިލުމެއް ނުވާނެ" ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އައު ނިއުކްލިއާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފައެވެ. މަޝްވަރާތަކުގެ ދެން އޮންނަ ބުރު އޮންނާނީ މި ހަފްތާގައެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ މަޝްވަރާތައް އޮންނާނީ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ އޮމާނުގައި އާދީއްތަ ދުވަހު މަޝްވަރާތައް އޮންނާނެ ކަމަށެވެ.

އެމެރިކާއިން ކުރިން ހުށަހެޅި ޕްރޮޕޯސަލް އަށް އީރާނުން ދޭނެ ޖަވާބެއް މި ބައްދަލުވުމުގައި ހުށަހަޅާނެކަމަށް ބެލެވެއެވެ. އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ މަޝްވަރާތަކުގައި އީރާނުން "މާ ގަދަފަދަކަން ދައްކަމުންދާ" ކަމަށެވެ.

އީރާނުގެ ޔޫރޭނިއަމް ފައްކާ ކުރުމުގެ ޕްރޮގްރާމަކީ ހަތިޔާރު އުފެއްދުމަށް މަގުފަހިވާނެ ކަމެއްކަމަށް ހުޅަނގުގެ ބާރުތަކުން ބުނާއިރު، އީރާނުން ބުނަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މަޝްވަރާތަކުގައި އަނެއް ހުރަހަކަށް ވެފައި ވަނީ އީރާނުގެ މިސައިލް ޕްރޮގްރާމެވެ. މިސައިލް އުފެއްދުމަކީ އީރާނުގެ ދިފާއީ ބާރުގެ މުހިންމު ބައެކެވެ. ނަސީރްޒާދާ ވިދާޅުވެފައި ވަނީ އީރާނުން މި ފަހުން 2 ޓަނުގެ ވޯހެޑެއް ހަރުކުރެވޭ މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށާއި، މިފަދަ ކަންކަމަށް ހަނިކުރުމެއް ގެނައުމަށް އެއްބަހެއް ނުވާނެ ކަމަށެވެ.

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ފެބްރުއަރީ މަހު ވިދާޅުވެފައިވަނީ އީރާނުގެ އަސްކަރިއްޔާ ވަރުގަދަ ކުރައްވާނެ ކަމަށާއި އެ ގައުމުގެ މިސައިލް ޕްރޮގްރާމު ވެސް ވަރުގަދަ ކުރައްވާނެ ކަމަށެވެ.

- ކޮމެންޓް