Advertisement
ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 16:33
ލުބުނާނުގެ ދެކުނުގެ ރަށަކަށް އިސްރާއީލުގެ ވައިގެ ހަމަލާއެއް ދިނުމާ ގުޅިގެން އެ ސަރަހައްދުން ދުން އަރަނީ -  ނޮވެމްބަރު 6، 2025
ލުބުނާނުގެ ދެކުނުގެ ރަށަކަށް އިސްރާއީލުގެ ވައިގެ ހަމަލާއެއް ދިނުމާ ގުޅިގެން އެ ސަރަހައްދުން ދުން އަރަނީ - ނޮވެމްބަރު 6، 2025
އޭއެފްޕީ
އީރާން-ލުބުނާން
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
2024 ނޮވެމްބަރު 27 ގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވި ނަމަވެސް އިޒްރޭލުން އެ އެއްބަސްވުމާ ޚިލާފުވެ، ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަންނަނީ މީހުން މަރުވަމުން.

އިޒްރޭލުން ލުބުނާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރުވަމުން ދާތީ އެކަން އީރާނުން ކުށްވެރިކޮށް އަދަބު ދިނުމަށް ގޮވާލައިފި އެވެ.

އީރާނުން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، ޒިންމާދާރު ކުރުވުމާއި، އަދަބު ދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައު އާއި ސަރަހައްދީ ގައުމުތަކުގެ ޒިންމާ އެއް ކަން ހަނދާން ކޮށްދޭ ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ބަޔާނެއް ނެރުނީ، އިޒްރޭލުގެ ވައިގެ ހަމަލާތައް ލުބުނާނުގެ ދެކުނުގެ އެތައް ސިޓީ އަކަށް ދީފައިވާ ދަނޑިވަޅެއް ގައެވެ. މި ހަމަލާތަކުގައި މަދުވެގެން އެކަކު މަރުވެ، ނުވަ މީހަކަށް އަނިޔާވިއެވެ.

އީރާނުން ބުނެފައި ވަނީ އިޒްރޭލަށް އަދަބު ނުދިނުމުގެ ނުރައްކާތެރި ނަތީޖާތަކާ ކުރިމަތި ވަމުން ދާ ކަމަށެވެ. އޭގެ އިތުރުން އީރާނުން ވަނީ އިޒްރޭލުގެ ހަނގުރާމަ ފުޅާކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ސަރަހައްދީ ސުލްހަ އާއި ސަލާމަތަށް ކުރާނެ ނުރައްކާތެރި އަސަރުތަކާ ބެހޭ ގޮތުން އިންޒާރުދީފަ އެވެ.

އިޒްރޭލުގެ ސިފައިން ބުނީ، އެގައުމުން ހިންގި ވައިގެ ހަމަލާތަކުގައި ހަމަލާދީފައިވަނީ ހިޒްބުﷲ ޖަމާއަތާ ގުޅުންހުރި އަސްކަރީ ތަންތަނަށް ކަމަށެވެ.

ނަމަވެސް، ލުބުނާނުގެ ރައީސް ޖޯސެފް އައުން މި ހަމަލާތައް ކުށްވެރިކުރައްވައި، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މިއީ "ކުށެއް" ކަމަށް ވިދާޅުވިއެވެ.

އިޒްރޭލުގެ ހަމަލާތައް ދިނީ، ހިޒްބުﷲ އިން ލުބުނާނުގެ ރައްޔިތުންނާއި އެގައުމުގެ އެންމެ މަތީ ތިން ލީޑަރުންނަށް ހުޅުވިފައިވާ ސިޓީއެއް ފޮނުވައި، 2024 ގެ ހަނގުރާމަ ހުއްޓުމަށް ވީ ވައުދަށް އިހުތިރާމު ކުރާ ކަމަށާއި، އެކަމަކު އިޒްރޭލުގެ އިސްތިއުމާރީ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ "ޝަރުއީ ހައްގު" އަދިވެސް އެބައޮތް ކަމަށް ބުނިތާ ގަޑިއިރުތަކެއް ފަހުންނެވެ.

އިޒްރޭލުން ލުބުނާނާ ދެކޮޅަށް ހަނގުރާމަ ފެށީ 2023 އޮކްޓޯބަރުގައި، ހިޒްބުﷲ އިން އިޒްރޭލުން އިސްތިއުމާރު ކޮށްފައިވާ ސަރަހައްދުތަކަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ނަމަވެސް، އިޒްރޭލުން ދިން ހަމަލާތަކުން ހިޒްބުﷲ ބަލިކަށިކޮށްލުމުގެ މަސައްކަތް ނާކާމިޔާބު ވުމާ ގުޅިގެން ހަނގުރާމަ ހުއްޓުމަށް އެއްބަސްވިއެވެ.

2024 ނޮވެމްބަރު 27 ގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވި ނަމަވެސް ސަތޭކަ ފަހަރަށް ވުރެ ގިނަ ފަހަރު އިޒްރޭލުން އެ އެއްބަސްވުމާ ޚިލާފުވެ، ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަންނަނީ މީހުން މަރުވަމުންނެވެ.

- ކޮމެންޓް