ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮކަލް" ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާއި ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް, މިހާތަނަށް ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އަދި އިތުރު ކޭސްއެއް ފާހަގަވެފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާދިއްތަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާއި އެއްކޮށް އުޅުނު މީހުން ގާތުން މޮނީޓަރ ކުރަމުން ގެންދާ ކަމަށެވެ. އަދި މިހާތަނަށް އޭނާއާއި ކޮންޓެކްޓުވިކަމަށް ދެނެގަނެވުނު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވެފައި ނުވާކަމަށް ވަނީ ބުނެފައެވެ.
އަދި މެނިންގޮކޯކަލް ޖެހުނު މީހާ ދެނެގަނެވުމުން، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ އިތުރު މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވެއެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
އެޗްޕީއޭއިން ބުނީ، ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކަށް ކަމަށެވެ.