ކ. މާލެ
|
14 ޖޫން 2025 | ހޮނިހިރު 13:26
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
އިންވޭސިވް މެނިންގޯކޮކަލް
މެނިންގޯކޮކަލް ބަލި: އިތުުރު މީހަކު ޕޮޒިޓިވްއެއް ނުވޭ، ކޮންޓެކްޓް ޓްރޭސިން ނިންމާލައިފި
މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާއި އެއްކޮށް އުޅުނު މީހުން ގާތުން މޮނީޓަރ ކޮށްފައިވޭ
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވަނީ 7 ޖޫން 2025 ގައި
މިބަލީގައި ނިޔާވެފައިވަނީ މެލޭޝިޔާއަށް ދަތުރުކުރުމަށްފަހު، ރާއްޖެއަށް އައި އުމުރުން 24 އަހަރުގެ ފިރިހެނެއް

‏ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮކަލް" ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުމާއި ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ހެދި ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު އެޗްޕީއޭއިން ބުނީ މެނިންގޯކޮކަލް ބަލި ޖެހުނު މީހާއާއި އެއްކޮށް އުޅުނު މީހުން ގާތުން މޮނީޓަރ ކުރި ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށާއި، އިތުރު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްނުވާ ކަމަށެވެ.

މެނިންގޯކޮަކަލް ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވަނީ 7 ޖޫން 2025 ގައެވެ. މިބަލީގައި ނިޔާވެފައިވަނީ މެލޭޝިޔާއަށް ދަތުރުކުރުމަށްފަހު، ރާއްޖެއަށް އައި އުމުރުން 24 އަހަރުގެ ދިވެހި ޒުވާން ފިރިހެނެކެވެ.

މިކަން ސަމާލުކަމަށް އައުމާއެކު، އެޗްޕީއޭއިން ވަނީ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދީ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާފައެވެ.

އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސީރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެވެ. އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން ހިމެނެއެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވެއެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

އެޗްޕީއޭއިން ބުނީ، ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކަށް ކަމަށެވެ.

- ކޮމެންޓް