ގުޅީ ފަޅު ލޭންޑް ޔޫސް ޕްލޭންއާއި ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.
މިބައްދަލުކުރެއްވުން ބާއްވާފައިމިވަނީ ގުޅީފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކުރި ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާ ކުރެއްވި ކަމަށް ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާއިރު، އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވަނިކޮށެއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ދެ ވަނަ ފަހަރަށް މި ސަރުކާރުން ބަދަލުކުރީ ޖަމިއްޔާ ޖަމާއަތްތަކާއި މަޝްވަރާކޮށްގެން ކަމަށް ސަރުކާރުން ބުނިނަމަވެސް އެކަން އެ ފަރާތްތަކުން ދޮގުކުރެއެވެ.
ގުޅީފަޅުގެ އެލްޔޫޕީ އަނެއްކާ ވެސް ބަދަލުކުރުމުން އާއްމުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، މިކަމާއި ގުޅިގެން ބޭއްވި ބައްދަލުވުމުގައި މޭޔަރ އާޒިމް ވިދާޅުވީ ގުޅީފަޅުގެ އެލްޔޫޕީގައި ތޮއްޖެހިފައި އޮތް ގޮތަކަށް މިޕްލޭން ހަދާފައިވުމަކީ މިކަމުގައި އެއްވެސް އިންސާފެއް އޮތް ކަމެއް ނޫން ކަމަށާއި ހުޅުމާލޭ އޮތް ގޮތަށް އެމްޔޫޕީ ފަރުމާކޮށްދިނުމަށް ސަރުކާރުގައި އެދޭނެ ކަމަށެވެ. އަދި މިހާ ބިން ކުޑަ ތަނެއްގައި މާލެ އޮތް ހާލަތަށްވުރެ ދަށަށް ނުގެންދިއުމަށް ސަރުކާރުގައި އެދޭނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
ބައެއް އާއްމުން ވަނީ އެލްޔޫޕީ އަށް ބަދަލު ގެނައި އިރު ބީޗްތައް ފަދަ ތަންތަން ނެތީ ކީއްވެތޯ ވެސް ސުވާލު އުފައްދާފައެވެ. ކައިރި ކައިރީގައި ގުޅީފަޅު ޕްލޭނަށް ބަދަލު ގެންނާތީ ވެސް އާއްމުން ވަނީ މި ބައްދަލުވުމުގައި ނުރުހުން ފާޅުކޮށްފައެވެ.
ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރެވުނީ 24 އޮގަސްޓް 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް ވަނީ އިޢުލާނު ކުރެވިފައެވެ. އެޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ބާއްވާފައިވެއެވެ.
ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަޙައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކުރެވިފައިވުމާއެކު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ގެޒެޓްކުރެވިފައިވާ އިރު، މި ގެނެވުނު ބަދަލާއެކު ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދަށް ބަދަލުކުރެވިފައިވާއިރު، އަދި މި ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ޙިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވިއެވެ. ނަމަވެސް މިކަން ވަނީ ދޮގުކޮށްފައެވެ.