ކ. މާލެ
|
31 މާރޗް 2025 | ހޯމަ 21:09
ރައީސް މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވާހަކަދައްކަވަނީ
ރައީސް މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެހީ ބޭނުންވާ މީހުނަށް ސިޓީ ކައުންސިލުން އެހީތެރިވަނީ
ހޯމަ ދުވަހުން ފެށިގެން އޭޕްރިލް 15 ގެ ނިޔަލަށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު އެ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އެހީތެރިކަން ފޯރުކޮށްދޭނެ
ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ވަގުތުތަކުގައި އެ ތަނަށް ހާޒިރުވުމުން، ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ

ދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ ލިސްޓު ބާތިލުކޮށް، މި ސަރުކާރުން އިއުލާނު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ހޯމަ ދުވަހު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އޭޕްރިލް 15 ގެ ނިޔަލަށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު އެ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ކައުންސިލުން ކަނޑައަޅާފައިވާ ވަގުތުތަކުގައި އެ ތަނަށް ހާޒިރުވުމުން، ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ހޯމަ ދުވަހު އިއުލާންކުރި ގޮތުގައި އެހީތެރިކަން ފޯރުކޮށްދޭ މޭޒުތައް ބަހައްޓާފައި ވަނީ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގަ އެވެ.

އެހީތެރިކަން ފޯރުކޮށްދޭން ސިޓީ ކައުންސިލުން ހަމަޖައްސާފައިވާ ވަގުތުތައް:

  • މި ހަފުތާގައި ޑެސްކުން ހިދުމަތް ދޭނީ ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00އަށް
  • އަންނަ ހަފުތާއިން ފެށިގެން އޭޕްރީލް 15 އަށް ހިދުމަތް ދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00އަށް

ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭން މާލެ ސިޓީ ކައުންސިލުން ނިންމީ އެ ކައުންސިލުގެ ޖަލްސާއަކުންނެވެ.

މި ސަރުކާރުން ފްލެޓު ލިސްޓު އިއުލާނު ކޮށްފައި ވަނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި 4000 މީހުންގެ ފްލެޓު ލިސްޓުން 3119 މީހުން ބާކީ ކުރުމަށްފަހު އެވެ.

މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު ފްލެޓު ނުލިބޭނެ ކަމަށް ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.

އަދި ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3,721 މީހުންގެ ތެރެއިން ވެރިފިކޭޝަނަށް ފަހު 75 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1,218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށެވެ.

އިވެލުއޭޓު ކުރަން ކަމަށް ބުނެ ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު އިއުލާނު ކުރި ފްލެޓް ލިސްޓާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.

- ކޮމެންޓް