ކ. މާލެ
|
21 މެއި 2025 | ބުދަ 18:56
މާފަންނު ސަހަރާ ހުސްކުރުމަށްފަހު އެތަނުގައި ތަރައްގީކުރާ މާފަންނު މައިޒާނުގެ ކުރެހުމެއް
މާފަންނު ސަހަރާ ހުސްކުރުމަށްފަހު އެތަނުގައި ތަރައްގީކުރާ މާފަންނު މައިޒާނުގެ ކުރެހުމެއް
މާލެ ސިޓީ ކައުންސިލް
މާފަންނު މައިޒާން
މިހާރު އެއީ މާފަންނު ސަހަރާއެއް ނޫން، އެއީ މާފަންނު މައިޒާން
އެ މައިޒާނުގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯން ސަރަހައްދުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްޤީ ކުރާނެ
ބަސް ސްޓޮޕް (ޕޮކެޓް) ތަރައްޤީ ކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްޤީ ކުރާނެ

މާލެ ސިޓީ ކައުންސިލުން މާފަންނުގައި ތަރައްޤީކުރަމުން އަންނަ މައިޒާނަށް " މާފަންނު މައިޒާން" ގެ ނަމުން ނަން ދީފިއެވެ.

މި ނަން ދީފައި ވަނީ، ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ، 4 ވަނަ ދައުރުގެ 195 ވަނަ ޖަލްސާގައި، ބައިވެރިވި ކައުންސިލް މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

ކައުންސިލުން، މާފަންނުގައި، މައިޒާން ތަރައްޤީ ކުރަމުން އަންނަނީ، މާފަންނު ސަހަރާ ހުރި ބިން، އެއްކޮށް ސާފުކުރުމަށްފަހުއެވެ.

މާފަންނު މައިޒާން ނިމޭއިރު، އެ މައިޒާނުގެ ހުޅަނގު ދެނކުނު ކަންމަތީގައި މިހާރު ހުރި ޕާކިން ޒޯން ސަރަހައްދުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ތަރައްޤީ ކުރުމާއި، މަޖީދީމަގު، ތޮއްޖެހުން ކުޑަކުރުމަށް، ބަސް ސްޓޮޕް (ޕޮކެޓް) ތަރައްޤީ ކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެހެން ޕާކިން ޒޯނެއް ތަރައްޤީ ކުރުމާއި، ރަސްމިއްޔާތު ތަކާއި، ހަފްލާތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ، ގްރީން އޭރިއާއެއް، ތަރައްޤީ ކުރުމުގެ އިތުރުން، ކަސްރަތުކުރުމަށް ކަނޑައެޅިފައިވާ، 496 އަކަ ފޫޓް ސަރަހައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 36،153 އަކަފޫޓް ހުންނަ، މި މައިޒާނުގައި، ގަސް އިންދައި ފެހިކުރުމަށް، ކައުންސިލުން ތައްޔާރުވަމުން އަންނައިރު، މައިޒާނުގައި އިންދުމަށް ނިންމާފައި ވަނީ، ބޮޑަށް ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތަކެވެ. އަދި މި މަސައްކަތް، ފެށޭ ހަފްތާ ތެރޭގައި ފެށުމަށް ވެސް، ކައުންސިލުން މިހާރު ވަނީ ނިންމައިފައެވެ.

މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން، މާފަނުގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް، ޔަގީން ކުރައްވާ ކަމަށެވެ. އަދި މައިޒާން ތަރައްޤީކުރާ ސަރަހައްދުގައި، ގަސްއިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނީ، މާފަންނުގައި ދިރިއުޅުއްވާ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ކައުންސިލުން ނިންމާފައިވަނީ މާފަންނު މައިޒާން ތަރައްޤީ ކުރުމަށްފަހު، މައިޒާން ހިމެނޭ ސަރަހައްދު 24 ގަޑިއިރު ބޭނުން ކުރެވޭހެން، ހުޅުވާލާފައި ބޭއްވުމަށެވެ . އަދި އެސަރަހައްދުގައި ފެންހިދުމުގެ ރަނގަޅު ނިޒާމެއް ވެސް ތަރައްޤީ ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

- ކޮމެންޓް