ބިނާކުރަނިވި ފާޑުކިޔުމުގެ ބަދަލުގައި ކުރީގެ ރައީސުން ކުރައްވަނީ ޖެއްސުމާއި ފުރައްސާރައާއި ނަފުރަތު ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުސީދާ ގޮތަކަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ ރިޔާސަތާ ހަވާލުވުމަށްފަހު މިއަދާ ހަމައަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވެފައި ހުރި ގިނަގުނަ ޚިދުމަތްތައް ބޭނުންވެފައި ހުރި ގިނަ ކަންކަން ކޮށްދެއްވަމުންގެންދަވާތީވެ އިދިކޮޅު ފަރާތްތަކުން، ވަކިން ޚާއްޞަކޮށް ކުރީގައި ވެރިކަން ކޮށްފައި ތިއްބެވި ވެރިންގެ ފަރާތުން މިއަދު ފެނިގެންދަނީ އެ މަނިކުފާނާ ދޭތެރޭ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތަށް އެ މަނިކުފާނަށް ފާޑުވިދާޅުމުގެ ބަދަލުގައި ނުވަތަ އެ މަނިކުފާނަށް ބިނާކުރަނިވި ފާޑުވިދާލުމުގެ ބަދަލުގައި ޖެއްސުމާއި، ފުރައްސާރައާއި، ނަފުރަތާއި ރައްޔިތުންގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުމަށް ބޭނުންކުރެވޭ ހުރިހާ ޒާތުގެ ވާހަކަތައް އަޑުއިވެންދާ މަންޒަރު ކަމަށެވެ.
މެންބަރު ޝާހިދު ވިދާޅުވީ މިއީ ވަރަށް ދެރަ ހިތާމަހުރި ކަމެއް ކަމަށެވެ.
ޙަޤީޤަތުގައި ޚިދުމަތުން ވަކިވުމަށްފަހުގައި ވެސް ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މި އޮންނަ އަހުވަންތަ ގުޅުމާއި އެއްބަނޑުއެއްބަފާ، އިސްލާމީ އުއްމަތެއްގެ ގޮތުގައި އޮންނަ އޮތުމުގެ މަތީގައި ވެސް އަޅުގަނޑުމެން އެންމެން ވެސް އެ ބޭފުޅުންނަށްޓަކައި ވަރަށް ބޮޑަށް އިހުތިރާމުކުރާ، އިހުތިރާމު ލިބިގެންވާ ބޭފުޅުން. އެހެންނަމަވެސް، އެ ބޭފުޅުންގެ ޢަމަލުތައް މިހިރަ ގޮތުން ރާއްޖޭގެ ރައްޔިތުން މިއަދު މި ވަނީ އެ ބޭފުޅުންނާ ދޭތެރޭ، އެ ބޭފުޅުން އެކޮށްދެއްވި ޚިދުމަތްތަކާ ދޭތެރޭގައި ވަރަށް ބޮޑަށް މާޔޫސްވެފައި، ކަންބޮޑުވުން ފަޅުކުރަމުންދާ އަޑު މިއަދު އަޅުގަނޑުމެންނަށް އަޑުއިވިގެން އެބަދޭ. ސަބަބުތަކެއް ނެތިއެއް ނޫން. މިކަން މިގޮތަށް މި އަންނަނީ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު![]()
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ޚަރަދުކޮށް، އަދި ސިޔާސީ ހަރަކާތް ހިންގުމަކީ، އެ ހުއްދަވެގެންވާ ކަމެއް ކަމަށެވެ. އަދި އެ ހުދޫދުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުވުމާއި ތަރައްޤީއާއި ކަންކަން ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ސިޔާސީ ޕާޓީތަކަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.
ނަމަވެސް އޭގެ ބަދަލުގައި މިއަދު ފެނިގެންދަނީ، މިއަދުގެ ސަރުކާރުން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރަން ފެއްޓެވި ތަނާއި، އެ މަނިކުފާނާ ދޭތެރޭގައި ރައްޔިތުންނާއި، އެ މަނިކުފާނާއި، އެ މަނިކުފާނު ސަރުކާރާ ދޭތެރޭގައި ނުހިނގާ ގިނަ ކަންތައްތަކުގެ ވާހަކަދައްކައި، ފިތުނަފައްދައި، ސަރުކާރަށް ލޮޅުންއަރުވައި، ސަރުކާރު ބަލިކަށިކުރުމަށްޓަކައި މަސައްކަތްކުރަމުންދާ މަންޒަރު ކަމަށެވެ.
މެންބަރު ޝާހިދު ވިދާޅުވީ އެކަމެއް ނުވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ތިބީ އެ ފުރުޞަތު ދޭކަށް ނޫން ކަމަށެވެ.