ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްގީކުރަމުން ދިޔަ އެއަރޕޯޓު ވެރިކަން ބަދަލުވި އިރު 70 އިންސައްތަ މަސައްކަތް ނިމިފައި އޮތް ނަމަވެސް އެ އެއަރޕޯޓް ރަސްމީކޮށް ހުޅުވަން މި ސަރުކާރަށް ދޮޅު އަހަރު ދުވަސް ނަގައިފިއެވެ.
އެމްޑީޕީގެ ވެރިކަން ނިމުނު އިރު މުލީ އެއަރޕޯޓުގެ މަސައްކަތް ދިޔައީ ބަރާބަރަށް ހިނގަމުންނެވެ. ވެރިކަން ބަދަލުވި އިރު މުލީ އެއަރޕޯޓުގެ މަސައްކަތުގެ ބޮޑު ބައި ނިންމި ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް އޮތީ ނިމިފައެވެ. 10 ޖުލައި 2023 ގައި އެއިރު އެމްޓީސީއިން ބުނެފައި ވަނީ މުލީ އެއަރޕޯޓްގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އަދި އެމްޓީސީއިން އެއިރު އޮތީ ރަންވޭ ނިންމާ ފަޔަރ ބިލްޑިންގެ މަސައްކަތް ނިންމާފައެވެ. އަދި އެމްޓީސީއިން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު މުލީ އެއަރޕޯޓުގެ މަސައްކަތް ނިންމާ ހިދުމަތް ދެވޭ ވަރުވާނެ ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހުގައި ހިދުމަތްދެވޭނެކަމަށް އެމްޓީސީސީއިން އެއިރު ބުނެފައިވެއެވެ.
ނަމަވެސް ވެރިކަން ބަދަލުވި އިރު 70 އިންސައްތަ މަސައްކަތް ނިމި އިންފްރާސްޓަރަކްޗަރގެ މަސައްކަތް ނިމިފައި އޮތް އެއަރޕޯޓުގެ މަދު މަސައްކަތެއް ނިންމާ ހުޅުވަން މި ސަރުކާރަށް ދޮޅު އަހަރު ނެގިއެވެ. އަންގާރަ ދުވަހު މުލީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެއަރޕޯޓުގެ ހުރިހާ ކްރެޑިޓެއް ނަންގަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ފެށިގެން އަޅުގަނޑުމެންނަށް މަސައްކަތް ހަވާލުވިއިރުގައި އޮތް ހިސާބުން ބެލި ނަމަވެސް، ވަރަށްގިނަ ކަންތައް ނިންމަން ހުރި ކަމަށެވެ. އަދި ބަޖެޓުން ވެސް އިތުރު 100 މިލިއަން ރުފިޔާ ހަރަދުވިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި މުއްޔަށް ވަޑައިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާހިލު ވިދާޅުވެފައިވަނީ އެއަރޕޯޓުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އަމާޒަކީ އެ އަހަރުގެ ފަހުކޮޅު އެއަރޕޯޓް ހުޅުވާ ފުލައިޓް ޖެއްސޭވަރު ކުރުން ކަމަށެވެ.
އެމްޑީޕީ ސަރުކާރުގައި ކޮވިޑުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން މުލީ އެއާޕޯޓު މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައި ވަނީ 28 ފެބްރުއަރީ 2021 ގައެވެ.