އިސްރާއީލުގެ މައި ވައިގެ ބަނދަރަށް ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް ޔަމަނުގެ ހޫތީން އާދީއްތަ ދުވަހު ބުނެފިއެވެ.
ހޫތީން މިކަން ހާމަ ކުރީ އެރެބިއަން ޕެނިންސުލާ ޤައުމަކުން ފޮނުވާލި މިސައިލެއް އިންޓަރސެޕްޓް ކުރެވުނު ކަމަށް އިސްރާއީލުގެ ސިފައިން ބުނެފައި ވަނިކޮށްނެވެ.
ހޫތީންގެ ސިފައިންގެ ތަރުޖަމާނު ޔަހްޔާ ސާރީ ބުނެފައިވަނީ، އޭނާގެ ސިފައިން ތެލް އަވީވް ކައިރީގައި އޮންނަ ބެން ގުރިއަން އެއަރޕޯޓަށް "ދެ ބެލިސްޓިކް މިސައިލް" އަމާޒުކޮށްފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ ޣައްޒާގައި އިސްރާއީލުން އަޅާފައިވާ "ބްލޮކޭޑް ނަގަންދެން" މިފަދަ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ޔަމަނުން ދޫކޮށްލި މިސައިލެއް އިންޓަރސެޕްޓް ކުރެވިފައިވާ ކަމަށެވެ. އިސްރާއީލާ ދެކޮޅަށް ހަމާސްއާއެކު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންނާ ބައިވެރިވުމުގެ ގޮތުން ޔަމަނުން އަންނަނީ އިސްރާއީލަށް ދޭތެރެދޭތެރެއިން މިސައިލް ހަމަލާތައް ދެމުންނެވެ.
"އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި އިވުނު ސައިރަންތަކަށްފަހު، ޔަމަނުން ދޫކޮށްލި މިސައިލެއް އިންޓަރސެޕްޓް ކުރެވިއްޖެ،" އިސްރާއީލުގެ ސިފައިން ޓެލެގްރާމްގައި ޕޯސްޓްކޮށްފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.
ހުކުރު ދުވަހު، ހޫތީން ބާރު ހިންގާ ރެޑް ސީގެ ބަނދަރުތައް ކަމަށްވާ ހުދައިދާ އާއި ސަލީފަށް އިސްރާއީލުން ވަނީ ބޮން އަޅާފައެވެ. އަދި ހަމަލާތައް ކުރިއަށް ގެންދާނަމަ ހޫތީންގެ ލީޑަރޝިޕަށް އަމާޒުކުރާނެ ކަމަށް ބުނެ އިސްރާއީލުން ވަނީ ޔަމަނަށް އިންޒާރު ދީފައެވެ.
ހޫތީންގެ އިދާރާއިން ބުނެފައިވަނީ އިސްރާއީލުން ދިން ހަމަލާތަކަށް "ވޭންދެނިވި ރައްދެއް ދޭނެ" ކަމަށެވެ.
ޔަމަނުގެ ބޮޑު ބައެއްގެ ކޮންޓްރޯލް އޮތް ހޫތީން، ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލަށާއި ރެޑް ސީ ގައި ދަތުރުކުރާ އިސްރާއީލާއި އެމެރިކާ އާ ގުޅުން ހުރި އުޅަނދު ފަހަރަށް އަންނަނީ ހަމަލާތައް ދެމުންނެވެ.
އުޅަނދު ފަހަރަށް ދޭ ހަމަލާތަކަށް ބަދަލު ހިފުމަށް ކަމަށް ބުނެ އެމެރިކާ އިން ވެސް ވަނީ ޔަމަނަށް ގިނަ ހަމަލާތަކެއް ދީފައެވެ. ނަމަވެސް، މެއި މަހުގެ ކުރީކޮޅު، އެމެރިކާ އިން ހޫތީންނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި އިސްރާއީލް ހިމެނިފައެއް ނުވެއެވެ.