އިސްރާއީލް އަށް އަމާޒުކޮށް ޔަމަން އިން ދީފައިވާ މިސައިލް ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް، އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ.
އިސްރާއީލްގެ އަސްކާރިއްޔާ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔަމަން އިން ފޮނުވާލި މިސައިލެއް އެ ޤައުމުގެ އަސްކަރިއްޔާ އިން ހުއްޓުވާފައިވާ ކަމަށެވެ. މިއީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، ޣައްޒާގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެއް ކަަމަށް ޔަމަން އިން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.
ޔަމަން އިން އިސްރާއީލް އަށް އަމާޒުކޮށް މިސައިލް ހަމަލާ ދިނުމުގެ ސަބަބުން، އިސްރާއީލްގެ އެކި ސަރަހައްދު ތަކުގައި ވަނީ ނުރައްކަލުގެ ސައިރަން އިއްވައިފަ އެވެ. އެއަށް ފަހު އިސްރާއީލްގެ އަސްކަރިއްޔާ އިން ޓެލްގްރާމްގައި އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ޔަމަންގެ މިސައިލް ހަަމަލާ ހުއްޓުވާފައިވާ ކަމަށެވެ.
ޔަމަން އިން ފޮނުވާލި މިސައިލް ހަމަލާ ހުއްޓުވާފައިވާ ކަމަށް އިސްރާއީލް ހާމަކޮށްފައި ވީ ނަމަވެސް، އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް ނަގާފައި ނުވެ އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް އިން އިސްރާއީލް އަށް ދިން ހަމަލާގެ ސަބަބުން، އިސްރާއީލް އިން ޣައްޒާގައި ހަމަލާތައް ދީ ހަނގުރާމަ ފަށާފައިވާއިރު، ޔަމަން އިން ވަނީ އިސްރާއީލް އަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެެ. އެގޮތުން ޑްރޯން އާއި މިސައިލް ބޭނުން ކޮށްގެން ވަނީ އިސްރާއީލް އަށް ހަމަލާ ދީފަ އެވެ.
ޔަމަން އިން ދެމުން އަންނަ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، އިސްރާއީލް އިން ވެސް އަންނަނީ ޔަމަން އަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ދާދި ފަހުން ވެސް އިސްރާއީލް އިން ވަނީ ޔަމަންގެ ވެރި ރަށް ސަނާ އަށް ހަމަލާ ދީފަ އެވެ. އެ ހަމަލާގައި ހަ މީހަކު މަރުވެފައިވާ ކަމަށް ބުނެފައިވާއިރު، އެތައް ބަަޔަކަށް ވަނީ އެކި ވަރުގެ ޒަޚަމުތައް ވެސް ލިބިފަ އެވެ.
އެ ހަމަލާއާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން އޭރު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ ހަމަލާ އަމާޒު ކޮށްފައި ވަނީ ޔަމަންގެ ރިޔާސީ ގަނޑުވަރު ކައިރީގައި ހުރި ސިފައިންގެ މަރުކަޒުގެ އިތުރުންް، ދެ ކަރަންޓު އުފައްދާ މަރުކަޒަކާއި، ތެޔޮ ރައްކާ ކުރާ މަރުކަޒަަކަށް ކަމަށެވެ.