Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2025 | ހޯމަ 00:07
ޞަންޢާ ގައި ބޭއްވި މުޒާހަރާއެއްގައި ހޫޘީ ލީޑަރު އަބްދުލްމަލިކު އަލް ހޫޘީގެ ފޮޓޯ ޖަހާފައިވާ ޕްލެކާޑެއް އުފުލަނީ
ޞަންޢާ ގައި ބޭއްވި މުޒާހަރާއެއްގައި ހޫޘީ ލީޑަރު އަބްދުލްމަލިކު އަލް ހޫޘީގެ ފޮޓޯ ޖަހާފައިވާ ޕްލެކާޑެއް އުފުލަނީ
ރޮއިޓަރސް
ޔަމަން-އިސްރާއީލް
ޔަމަނުގެ ހޫޘީން އިސްރާއީލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފި
ރަހާވީ ޝަހީދުވުމާ ގުޅިގެން ހޫޘީންގެ ލީޑަރު ވިދާޅުވެފައިވަނީ އިސްރާއީލުން ދޭ އެއްވެސް ހަމަލާއަކުން ޔަމަނުގެ ހަނގުރާމަވެރިންގެ ހިތްވަރު އެލިގެން ނުދާނެ ކަމަށެވެ.

ޔަމަނުގެ ބޮޑުވަޒީރު އަވަހާރަ ކޮށްލުމާއެކު އިސްރާއީލަށް ދޭ ހަމަލާތައް ވަރުަގަދަ ކުރާނެ ކަމަށް ހޫޘީންގެ ލީޑަރު ހާމަ ކޮށްފިއެވެ.

ޔަމަނުގެ ހޫޘީންގެ ލީޑަރު އާދިއްތަ ދުވަހު މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ހަމަލާއެއްގައި ޔަމަނުގެ ބޮޑުވަޒީރު އަހްމަދު ޣާލިބް ނާސިރު އަލް-ރަހާވީ އާއި އެހެން މިނިސްޓަރުން ތަކެއް އަވަހާރަ ކޮށްލައިފި ކަމަށް އީރާނުގެ މަދަދު ލިބޭ މި ޖަމާއަތުން ހާމަ ކުރުމަށްފަހުގައެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ޔަމަނުގެ ވެރިރަށް ސަންޢާ އަށް ދިން ހަމަލާ ގައި ހޫޘީ ސަރުކާރުގެ އިސް އޮފިޝަލުން ތަކަކަށް އަމާޒު ކުރެވުނު ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

އާދިއްތަ ދުވަހު ހޫޘީންގެ އަލް-މަސީރާ ޓީވީ އިން ފޮނުވި ތަޤްރީރެއްގައި، ގްރޫޕްގެ ލީޑަރު އަބްދުލް މަލިކް އަލް-ހޫޘީ ވިދާޅުވީ "މިސައިލްތަކާއި ޑްރޯންތަކުން އިސްރާއީލަށް ހަމަލާ ދިނުން" ކުރިއަށް ގެންދާނެ ކަމަށާއި މި ހަމަލާތައް އިތުރު ކުރާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޔަމަނުގެ ހޫޘީން ކޮންޓްރޯލު ކުރާ ސަރަހައްދުތަކަށް އިސްރާއީލުން ފަހަކަށް އައިސް ދޭ ހަމަލާތަކުން އެ ގްރޫޕް ބަލިކަށިވެ ނުވަތަ އެމީހުންގެ ހަނގުރާމަވެރިންގެ ހިތްވަރު އެލިގެން ނުދާނެ ކަމަށެވެ.

އޮކްޓޯބަރު 2023 ގައި ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ ހޫޘީން ވަނީ އިސްރާއީލަށް ތަކުރާރުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ.

ޣައްޒާގެ ފަލަސްތީނު ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހޫޘީން އިސްރާއީލަށް ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ވަނީ މަސްތަކެއް ވަންދެން ހޫޘީންގެ އަމާޒުތަކަށް ހަމަލާދީފައެވެ.

ހޮނިހިރު ދުވަހު ޔަމަނުގެ ސެކިއުރިޓީ މަސްދަރެއް އޭއެފްޕީ އަށް ބުނެފައި ވަނީ ހޫޘީ އޮފިޝަލުން ސަންޢާ އަދި އެހެން ސަރަހައްދު ތަކުން "އިސްރާއީލާ އެކު މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި" ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހޫޘީންގެ ލީޑަރު އޭނާގެ ތަޤްރީރުގައި ވިދާޅުވީ "ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކާމިޔާބީތައް ފެންނާނެ..." ކަމަށެވެ.

- ކޮމެންޓް