ކ. މާލެ
|
17 މެއި 2025 | ހޮނިހިރު 23:47
އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އޭނާގެ އާއިލާއާއެކު
އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އޭނާގެ އާއިލާއާއެކު
މިނިސްޓްރީ އޮފް ޓޫރިޒަމް
ރާއްޖޭގެ ފަތުރުވެރިކަން
އަހަރަކު ދެމިލިއަން ޕައުންޑް ހޭދަކޮށްގެން ފަތުރުވެރިކަން އިޝްތިހާކުރުމުންވެސް، އިނގިރޭސިވިލާތް އޮތީ ލިސްޓުގެ ތިންވަނައިގައި!
މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވަނީ ޖުމްލަ 93،043 (ނުވަދިހަ ތިންހާސް ސާޅީސް ތިން) ފަތުރުވެރިން
45,129 އެނދު ހުރީ ރިސޯޓުތަކުގައި

އަހަރަކު ދެމިލިއަން ޕައުންޑް ހޭދަކޮށްގެން ފަތުރުވެރިކަން އިޝްތިހާރު ކުރި ނަމަވެސް އިނގިރޭސި ވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން އިތުރުވެގެންނުދާކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވަނީ ޖުމްލަ 93،043 (ނުވަދިހަ ތިންހާސް ސާޅީސް ތިން) ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި މެއި 15 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. 2024 ވަނަ އަހަރުވެސް ލިސްޓްގެ އެންމެ މަތީގައި އޮތް ޗައިނާއިން 103،072 (އެއްލައްކަ ތިންހާސް ހަތްދިހަ ދެ) ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 11.4 އިންސައްތަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާއިން އިން 97،123 (ނުވަދިހަ ހަތްހާސް އެއްސަތޭކަ ތިން) ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އެއީ 10.8 އިންސައްތަ އެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތުން، އައިސްފައިވަނީ 93،043 (ނުވަދިހަ ތިންހާސް ސާޅީސް ތިން) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަހަރަކު ދެމިލިއަން ޕައުންޑް ހޭދަކުރައްވައިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ، އެންމެ އުހުގައި އޮތް ލިވަޕޫލްއާއި އެކު އެމްއެމްޕީއާރްސީން އެއްބަސްވުމެއް ހަދާ ރާއްޖެ އިޝްތިހާރު ކުރަން ސަރުކާރުން މިފެށި މަސައްކަތުން، ފާއިތުވި މަސްދުވަހުގެ ތެރޭގައިވެސް އިނގިރޭސި ވިލާތުން އަންނަ ފަތުރުވެރިންގެ އަދަދު ބަދަލުކޮށެއް ނުލެވުނެއެވެ.

މީގެ އިތުރުން މުހިންމު މާކެޓްތަކުގެ ތެރޭގައި އިޓަލީ ވިލާތުން 79،557 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުވިލާތުން 69،238 ފަތުރުވެރިން ވަނީ މެއި މަހުގެ 15އާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނާއި ބައްދަލުކުރުމުންވެސް، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓްގައި އިންޑިއާ އޮތީ ހަވަނައިގައެވެ.

މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައިސްފައިވަނީ ޖުމްލަ 48،471 (ސާޅީސް އަށްހާސް ހަތަރު ސަތޭކަ ހަތްދިހަ އެއް) އިންޑިއާ ފަތުރުވެރިންނެވެ.

2025 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، 901،210 (ނުވަ ލައްކަ އެއް ހާސް ދުއިސައްތަ ދިހަ) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި، 2024 ގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 833،448 ފަތުރުވެރިންނެއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި އެންމެ ގިނަ ފަތުރުވެރިންނަކީ ރިސޯޓުތަކަށް އައި މީހުންނެވެ. މިގޮތުން ޖުމްލަ ފަތުރުވެރިންގެ 71 އިންސައްތަ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސް ތަކުގައި ހޭދަކުރި ފަތުރުވެރިންގެ ނިސްބަތަކީ 23.5 އިންސައްތަ އެވެ. ހޮޓާތަކާއި ހޭދަކުރި ފަތުރުވެރިންގެ ނިސްބަތަކީ 3 އިންސައްތަ އެވެ. އަދި ސަފާރީތަކުގައި ޖުމްލަ 2.5 އިންސައްތަ ފަތުރުވެރިން ހޭދަކޮށްފައިވެއެވެ.

2025 ވަނަ އަހަރުގެ މެއި 15 ވަނަ ދުވަހުގެ ނިޔަލަށް، 64،910 އެނދު ފަތުރުވެރިކަމުގެ ފެސިލިޓީތަކުގައި ހުރިއިރު، މީގެ ތެރެއިން އޮޕަރޭޓް ކުރަމުން އަންނަނީ 63،094 އެނދެވެ. މީގެ ތެރެއިން 45,129 އެނދު ހުރީ ރިސޯޓުތަކުގައެވެ.

- ކޮމެންޓް