ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ބުރާސްފަތި ދުވަހު ހެނދުނު ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިހާތަނަށް 97 މީހަކު ހައްޔަރުކޮށް، ޖުމްލަ 86 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގާ އެ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ފައިސާތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތުގައި، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށެވެ.
އަދި މި އޮޕަރޭޝަން ގައި އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވިފައިވާ ކަމަށާއި، މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކުރިއަށް ގެންދާ މި އޮޕަރޭޝަން ބުރާސްފަތި ދުވަހުގެ ހެނދުނު 05:30 ގައި ފަށާފައިވާ ކަމަށެވެ.
"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.