Advertisement
ކ. މާލެ
|
18 ނޮވެންބަރ 2025 | އަންގާރަ 00:07
ރައީސް ޑރ މުހައްމަދު މުޢިއްޒު
ރައީސް ޑރ މުހައްމަދު މުޢިއްޒު
މިހާރު
ރައީސް މުހައްމަދު މުއިއްޒު
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
ކުށް މަދުކުރުމަށް ސަރުކާރުން ގޭންގުތަކުން ހިންގާ ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވޭ
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހު
ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު ނެތް، ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި ކަމަށް ވިދާޅުވި

މި ފަހުން އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ގޮސް މިހާތަނަށް ގޭންގެއް ކަނޑައަޅަން ނުޖެހުނު ކަމަށާއި ރާއްޖޭގައި އެ ވަރުގެ ގޭންގެއް މިހާރު ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކުށް މަދުކުރުމަށް މި ސަރުކާރުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގޭންގުތަކުގެ އަދަދު އެ މަނިކުފާނު ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުގައި އެއްސެވި ކަމަށެވެ.

އަދި ރައީސް ވިދާޅުވީ މިހާރު ގޭންގުތަކުގެ ގޮތުގައި ކިޔޭނެ ގުރޫޕުތައް ވަރަށް މަދުވެއްޖެ ކަމަށް އިހުސާން ވިދާޅުވި ކަމަށެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގޭންގުތަކަށް ހުރަސްތައް އަޅައި ބޮޑެތި އަދަބު ދޭން ކަނޑައެޅީ، ޒުވާނުން ސަލާމަތް ކުރުމަށް ކަމަށެވެ.

ހޯމް މިނިސްޓަރު ވަރަށް އުފާވެފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން، ޕީޖީ ވިދާޅުވެއްޖެއޭ ނެތޭ އަދި ތި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު، ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި، ގޭންގް ކުށް ހުއްޓާލައިފި، މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި.

ރައީސް ޑރ. މުހައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް ވިދާޅުވީ ގޭންގު ގާނޫނަށް ފަހު، ގޭންގުތަކުގައި އުޅުނު ޒުވާނުންތައް އެކަން ހުއްޓާލާފައިވާ ކަމަށެވެ. އަދި ބޮޑެތި އަދަބުތައް ހިމެނޭ ގޮތަށް ގާނޫނުތައް ފާސްކުރުމުގެ ބޭނުމަކީ ވެސް ކުށްތައް ހިންގަން ބޮޑެތި ހުރަސްތައް ގެނައުން ކަމަށް ރައީސް ވިދާޅުވި އެވެ. ބަޔަކަށް އަދަބު ދިނުމަށް ވުރެ އޭގެ ބޭނުމަކީ ކުށުގެ މާހައުލުތަކުން ޒުވާނުން މިންޖުކުރުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހުގަ އެވެ. މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވާއިރު ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރާއި، ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ހިމެނެއެވެ.

- ކޮމެންޓް