ކ. މާލެ
|
5 މެއި 2025 | ހޯމަ 11:15
އީރާނުގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދެހް (ވ)، އެމެރިކާ އިން ހަމަލާ ދީފި ނަމަ، ބަދަލުގައި ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައި
އީރާނުގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދެހް (ވ)، އެމެރިކާ އިން ހަމަލާ ދީފި ނަމަ، ބަދަލުގައި ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ވަނީ ދެއްވާފައި
ރޮއިޓަރސް
އެމެރިކާ-އީރާން
ހަމަލާ ދޭނެ ކަމަށް ބުނެ، އީރާންގެ އިންޒާރު އެމެރިކާ އަށް
އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް ހަމަލާ ދީފި ނަމަ، ނުވަތަ އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ، އެކަމުގެ ބަދަލުގައި ވަރުގަދަ ޖަވާބު ތަކެއް ދޭނެ ކަމަށް.

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒު ހަމަލާދޭނެ ކަމުގެ އިންޒާރު، އީރާންގެ ދިފާއީ ވަޒީރު އަޒީޒް ނާސިރުޒާދެހް ދެއްވައިފި އެވެ.

އީރާންގެ ސަރުކާރުގެ ޓީވީ އަށް އާދީއްތަ ދުވަހު ދެއްވި އިންޓަވިޔުއެއްގައި ދިފާއީ ވަޒީރު ވިދާޅުވީ، އެމެރިކާ އިން އީރާނަށް ހަމަލާ ދީފި ނަަމަ، މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާ ދޭނެ ކަމަށެވެ. 

އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް ހަމަލާ ދީފި ނަމަ، ނުވަތަ އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ފަށައިފި ނަމަ، އެކަމުގެ ބަދަލުގައި ވަރުގަދަ ޖަވާބު ތަކެއް ދޭނެ ކަމަށެވެ. އެގޮތުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށާއި، އެމެރިކާގެ މަސްލަޙަތު އޮންނަ ތަންތަނަަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، އީރާނުން އަވަށްޓެރި ޤައުމުތަކާ މެދު ނުރުހުންތެރިކަމެއް ނުވަތަ އަދާވާތްތެރި ކަމެއް ނުބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާ އިން އީރާނަށް ހަމަލާ ދީފި ނަމަ، އަވަށްޓެރި ޤައުމުތަކުގައި ހުރި އެެމެރިކާގެ ތަންތަނަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް، އެއީ ޓާގެޓުތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. 

އާދީއްތަ ދުވަހު އީރާނުން ވަނީ "ގާސިމް ބަސީރް" ގެ ނަމުގައި އެންމެ ފަހުގެ ބެލިސްޓިކް މިސައިލް ހާމަކޮށްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މި މިސައިލްގެ ރޭންޖަކީ 1200 ކިލޯ މީޓަރެވެ. އެއީ 746 މޭލެވެ. 

މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން، އީރާނާއި އެމެރިކާއާ ދެމެދު އަންނަނީ ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. 

އެންމެ ފަހުގެ މަޝްވަރާ ބައްދަލުވުން ހަމަޖައްސާފައި އޮތީ މިދިޔަ ހޮނިހިރު ދުވަހަށެވެ. ނަމަވެސް، "ލޮޖިސްޓިކަލް" ސަބަބުތަކާ ހުރެ ކަމަށް ބުނެ، އެ ބައްދަލުވުން ވަނީ އެހެން ތާރީޚަކަށް ފަސްކޮށްފަ އެވެ. ނަމަވެސް، ބައްދަލުވުން ފަސް ކުރި ތާރީޚު ހާމަކޮށްފައި ނުވެ އެވެ. 

މިއަހަރުގެ މާޗު މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާންގެ ރޫހާނީ ލީޑަރު  އާޔަތުﷲ ޚާމަނާއީ  އަށް ސިޓީއެއް ފޮނުއްވާފައި އެވެ. އެ ސިޓީގައި ވަނީ މަޝްވަރާތަކަށް އިލްތިމާސް ކުރައްވާ ކަމަށާއި، އެކަން ކާމިޔާބު ނުވެއްޖެ ނަމަ އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައިވެ އެވެ. 

- ކޮމެންޓް