"ދުލެއް ނުކުރާނަން" އިހްތިޖާޖްގެ ބައިވެރިން، ސުލްޙަވެރިކަމާއި އެކު މަޖީދީމަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާއަށް ފުލުހުން ހުރަސް އަޅައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާ ކޮށްފިއެވެ.
މި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ފުލުހުންގެ ހައްޔަރަށް ގެންދިޔައީ މުޒާހަރާގެ ކަންކަން އިސްކޮށް ރާވާ ހިންގާ އައިޝަތު ޝިމާން އަހުމަދު އަދި އަބްދުﷲ މަޙްޒޫމް މާޖިދު އެވެ. އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވަރަށް އަނިޔާވެރިކޮށެއެވެ. އެގޮތުން މަޙްޒޫމް ހައްޔަރަށް ގެންދިޔަ ވަގުތު ބިންމައްޗަށް ވައްޓާލާ ގަމީސްވެސް ވީދާލާ މަންޒަރު ފެނެއެވެ. ޝިމޮން އަދި މަޙްޒޫމް ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބަކާއި ނުލައިކަން މަންޒަރުތަކުން ފެނެ އެވެ. މަޙްޒޫމްއަކީ ޔުމްނުއަށް އިންސާފު ހޯދުމަށް ކުރިއަށް މިގެންދާ ދުލެއް ނުކުރާނަން ހަރަކާތުގެ އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލެއްވެސްމެ އެވެ. އޭނާ ހައްޔަރަށް ގެންދިޔައީ ބިންމައްޗަށް ވައްޓާލުމަށްފަހު ބިޑި އަޅުވައިގެންނެ އެވެ.
މިއީ މުޒާހަރާގެ ބައިވެރިންނަށް ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ނަމަވެސް ދެން މުޒާހަރާ ހުއްޓާނުލާއި ކުރިއަށްގެންދާނެ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެއެވެ. ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލާ މާލޭގެ މަގުތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ އަޑު އުފުލާފައެވެ. އަދި ސަރުކާރު ވައްޓާލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެއެވެ.
މިގައުމު ހަމަ މަގަށް އަޅުވަންޖެހޭ ކަމަށް ޒުވާނުން ދަނީ އަޑު އުފުލަމުންނެއެވެ. ސުލްހަވެރިކަމާއި އެކު ބުރާސްފަތި ދުވަހުގެ ރޭ މަޖީދީ މަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް 23:30 ހާއިރު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ތެރެއަށް ވަދެ ސްޕީކަރުތައް ނަގަން މަސައްކޮށްފައެވެ. އެއްވެސް މަޝްވަރާއެއް ނުވަތަ އިންޒާރު ދިނުމެއް ނެތި ފުލުހުން މުޒާހަރާގެ ބައިވެރިން ތެރެއަށް ވަނުމުން، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ކޮންވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގައި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ވަނީ ޕެޕަރެ ސްޕްރޭ ޖަހާފައެވެ.
މިކަމާއި ގުޅިގެން މުޒާހަރާގެ ބައިވެރިން ޝިމާންއާއި މަހްޒޫމް ވަގުތުން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނަށް ކުރިން އެންގުމަކާއި ނުލައި މިގޮތަށް ވަނުމުން ގިނަ ބަޔަކު ދަނީ ފުލުހުންގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިމުޒާހަރާތައް ފައްޓާފައިވަނީވެސް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހްގީގް ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުންނާއި، މިކަމުގައި ފުލުހުން ދޮގުތަކެއް ހަދަމުންދާ ކަމަށް ބުނެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ހޯމް މިނިސްޓަރ އަލީ އިހްސާނާއި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީންގެ އިސްތިއުފާއަށް ގޮވައި، މިކަމުގައި ރައީސް މުއިއްޒު މައާފަށް އެދިވަޑައިގަންވަންޖެހޭނެ ކަމަށް ބުނެ ޑިމާންޑްތަކެއް ކުރަމުންނެއެވެ. އަދި މިޑިމާންޑްތައް ފުރިހަމަ ނުވަނީސް ގެއަށް ނުވަންނާނެ ކަމަށް، މުޒާހަރާގެ ބައިވެރިންދަނީ ބުނަމުންނެއެވެ.